އިނގިރޭސި ލީގު ކަޕްގެ ދެވަނަ ލެގުގެ މެޗުން ރޭ 1-0 އިން މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވި ނަމަވެސް، އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެން މުބާރާތުގެ ފައިނަލަށް މެންޗެސްޓަރ ސިޓީ ދަތުރުކޮށްފިއެވެ.
މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 3-1 އިން ކާމިޔާބުކޮށްފައިވަނީ ސިޓީންނެވެ. އެއާއެކު މުބާރާތުގެ ފައިނަލަށް ސިޓީ ދަތުރުކުރީ 3-2 ގެ އެގްރިގޭޓް ނަތީޖާ އިންނެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 35 ވަނަ މިނެޓްގައި ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ނެމަންޔާ މަޓިޗް އެވެ. ނަމަވެސް މެޗުގެ 76 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު މަޓިޗް އަށް ވަނީ ރަތްކާޑު ދައްކާފައެވެ.
ސިޓީގެ ފަރާތުން ގޯލެއް މި މެޗުގައި ފެނިގެން ގޮސްފައިނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް އެޓީމަށް ލިބިފައިވެއެވެ. އެގޮތުން ސްޓާލިން އާއި ޑޭވިޑް ސިލްވާ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
މުބާރާތުގެ ފައިނަލަށް ސިޓީ ދަތުރުކޮށްފައިވާއިރު، މިއީ މި މުބާރާތުގެ ފައިނަލަށް އެޓީމު ޖެހިޖެހިގެން ދަތުރުކުރި ތިންވަނަ ފަހަރެވެ، ފާއިތުވި ދެ އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަނަކީ ސިޓީއެވެ.
ފައިނަލްގައި ސިޓީ މިފަހަރު ނިކުންނާނީ އެސްޓަންވިލާއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ.