ވެސްޓަހަމް ޔުނައިޓެޑް 2-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ލިވަޕޫލުން 19 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 70 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 51 ޕޮއިންޓާ އެކު މެންޗެސްޓަރ ސިޓީ އޮތްއިރު ތިންވަނައިގައި 48 ޕޮއިންޓާ އެކު އޮތީ ލެސްޓަ ސިޓީއެވެ.
ވެސްޓްހަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ 35 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހުއެވެ. އަދި މެޗުގެ 52 ވަނަ މިނެޓްގައި ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޗެމްބަލޭން އެވެ.
މި ގޯލަށްފަހު ވެސް ލިވަޕޫލަށް މި މެޗުގައި ގޯލްޖަހާނެ ރަނގަޅު އިތުރު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ.
ރޭގެ މޮޅަކީ ލީގުގައި ލިވަޕޫލް ޖެހިޖެހިގެން ހޯދި 15 ވަނަ މޮޅު ކަމަށްވާއިރު، މި މޮޅާއެކު ލިވަޕޫލް އިން މިހާރު ވަނީ މި ސީޒަނުގެ ޕްރިމިއާ ލީގުގެ ހުރިހާ ޓީމެއް ބަލިކޮށްފައެވެ. ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު އެޓީމު އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ.
ރޭގެ މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ އެންމެ ފުރަތަމަ އަމާޒަކީ ލީގު ކަށަވަރު ކުރެވޭ ވަރަށް ޕޮއިންޓު ހޯދުން ކަމަށާއި އެގޮތުން 70 ޕޮއިންޓަކީ ބޮޑު އަދަދެއް ކަމަށެވެ. ނަމަވެސް އަދިވެސް ބައިވަރު ކަންކަން ހިނގުމަކީ އެކަށީގެންވާ ކަމަށާއި މިވަގުތު ރެކޯޑުތަކާ މެދު ނުވިސްނާ ކަމަށްވެސް އޭނާ ބުންޏެވެ.
"އެއްވެސް ކަމެއް ހާސިލު ކުރެވުނު ކަމަކަށް އަހަރުމެން އަދި ގަބޫލެއް ނުކުރަން. ފުން ނޭވާއެއްލުމަށްފަހު، ދެން އޮތީ ކުރިއަށް އޮތް މެޗަށް ތައްޔާރުވުން" ކްލޮޕް ބުންޏެވެ.
ލީގުގައި ލިވަޕޫލް އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާނީ ސައުތްހެމްޓަންއާ އެވެ.