Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެއާޕޯޓު ހިންގާ އެމްއޭސީއެލްއަށް ސީއީއޯއެއް ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ - ފޮޓޯ: ޓްވިޓާ (އެމްއޭސީއެލް)

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް ސީއީއޯއެއް ހޯދަން އިއުލާންކޮށްފިއެވެ.

މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވި ފަހުން އެކުންފުނީގެ ސީއީއޯއެއް ހޯދަން އިއުލާންކުރި ފުރަތަމަ ފަހަރެވެ. އެތަން ހިންގެވުމާ މިހާރު ހަވާލުވެ ހުންނަވަނީ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ބޮޑުބޭބޭފުޅެވެ.

އެމްއޭސީއެލްގެ ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތްތަކީ ވަރަށް ތަޖުރިބާކާރު ބޭފުޅަކަށް ވާންޖެހެއެވެ. އެގޮތުން އޭވިއޭޝަންގެ ދާއިރާއިން 15 އަހަރުގެ ތަޖުރިބާ ހުންނަންޖެހެއެވެ. ސީނިއަ މެނޭޖްމެންޓް ލެވެލްގައި 10 އަހަރު، އަދި "ސީ-ސޫޓް ލެވެލް" ގައި މަދުވެގެން ފަސް އަހަރު ހޭދަކޮށްފައިވާ މީހަކަށް ވެސް ވާން ޖެހެއެވެ.

ތައުލީމީ ގޮތުން ޝަރުތެއް ކަމަށް ކަނޑައަޅާފައި ވަނީ އޭވިއޭޝަން ދާއިރާއިން ޕޯސްޓް ގުރެޖުއޭޓް ޑިގްރީއެއް އޮތުމެވެ. ސީއީއޯ ނަގަނީ ފުރަތަމަ ތިން އަހަރުގެ މުއްދަތަށެވެ. އެކަމަކު އެގްރިމެންޓް އާ ކުރުމުގެ ފުރުސަތު ލިބެއެވެ. މީގެއިތުރުން ކުންފުނީގެ ތަސައްވުރު ކަނޑައަޅައި، ސްޓްރެޓެޖީތައް އެކުލަވާލައި އަމާޒުތައި ޒިންމާތައް ފުރިހަމަ ކުރުމުގެ ގާބިލުކަން ހުރި މީހަކަށް ވާންޖެހެއެވެ. އަދި ކަންތައްތަކުގެ ތެރެއަށް ވަދެ އެކަށޭނަ ގޮތެއްގައި އެކަންކަމާ ކުރިމަތިލާ، އުނދަގޫ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ގާބިލުކަން ހުރުމާއި މީހުން ތަރައްގީކޮށް ބިނާކުރުމުގެ ހުނަރުގެ އިތުރުން ސަރުކާރުތަކާއި ބައިނަލް އަގުވާމީ ޖަމާއަތްތައް އަދި މުޖުމައާ އެއްފަހަރާ މުއާމަލާތްކުރުމުގެ ގާބިލުކަން ހުންނަންޖެހެއެވެ.

އެމްއޭސީއެލްގެ ސީއީއޯގެ މަގާމަށް ބޭފުޅަކު ހޯދަން އިއުލާން ކޮށްފައިވާއިރު މީގެކުރިން އެމަގާމަށް ބޭފުޅަކު އައްޔަން ކުރައްވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ.

އެމްއޭސީއެލްއަށް ސީއީއޯއެއް ހޯދަން އިއުލާން ކޮށްފައިވާއިރު 848 މިލިއަން ރުފިޔާ ހޭދަކޮށްގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް، ޓީއެމްއޭއަށް ދޭން އުޅުނު ކަމުގެ ވާހަކަތަކެއް ވަނީ ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައެވެ. އަދި ޓީއެމްއޭއަށް އެތަން ދޭން އުޅުނީ ވެސް މާކެޓުގެ އަގަށްވުރެ ކުޑަކޮށް ކަމަށްވެސް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެމްއޭސީއެލްގެ ބޯޑުގެ ކޮންޓްރޯލް އޮތީ ޓީއެމްއޭގެ ވިޔަފާރީގެ މަސްލަހަތު އޮންނަ ބައެއްގެ އަތްމަތީގައި ކަމަށް، ބުނެ، އާންމުންގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ގެންދަނީ ފާޑުކިޔަމުންނެވެ.