ޓްރާންސްޕޯޓު މިނިސްޓްރީން ދާދިފަހުން ވަޒީފާއިން ވަކިކުރި މުވައްޒަފުން، ވަޒީފާއިން ވަކިކުރީ ސިވިލް ސާވިސް ކޮމިޝަނުން އެގޮތަށް ނިންމުމުން ކަމަށް އެ މިނިސްޓްރީން ބުނެފައިވީ ނަމަވެސް އެކަން އެގޮތަށް ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައި ނުވާކަން ހާމަވެއްޖެއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނައިރު އެ ސިޓީގައި ބުނެފައިވަނީ ހާޒިރީއަށް ފަރުވާ ކުޑު ކުރުމާއި ގުޅިގެން ވަޒީފާއިން ވަކިކުރުމަށް ޓްރާންސްޕޯޓުން ހުށަހަޅާފައިވާ ޓްރާންސްޕޯޓުގެ 11 މުވައްޒަފުން ވަޒީފާއިން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މުވައްޒަފުން ހުށަހަޅާފައިވާ ޝަކުވާތަކާއި ޖަވާބުދާރީ ލިޔުންތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް ބެލިބެލުމުން އެހާލަތުގައި މުވައްޒަފުން އިސްލާހު ކުރުމަށް އެންމެ ރަނގަޅު ފިޔަވަޅަކީ ވަޒީފާއިން ވަކިކުރުން ނޫން ކަމަށް ފެންނަ ކަމަށެވެ.
އެފަދަ ފިޔަވަޅެއް އެޅުމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ހިންގުން ހަރުދަނާކުރުމަށާއި ހިދުމަތް ފޯރުކޮށްދިނުމަށް ކުރިމަތިވެދާނެ ދަތިތައް ސާފުކުރުމަށް ފަހު އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މެދުވެރިކޮށް ސިވިލް ސާވިސް ކޮމިޝަނަށް އެންގުމަށްވެސް އެ ކޮމިޝަނުން ވަނީ ޓްރާންސްޕޯޓު މިނިސްޓަރަށް ފޮނުވި ސިޓީގައި އެދިފައެވެ.
މި ސިޓީއަކީ މި މަހުގެ ހަތްވަނަ ދުވަހު ސިވިލް ސާވިސް ކޮމިޝަނުން ޓްރާންސްޕޯޓަށް ފޮނުވި ސިޓީއެކެވެ. އަދި އެ މިނިސްޓްރީއަށް ދިމާވާނެ ދަތިތައް އޮޅުން ފިލުވުމަށްފަހު އެންގުމަށް ސިވިލް ސާވިސްއިން ބުނެފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
ޓްރާންސްޕޯޓުން މުވައްޒަފުންނަށް ފޮނުވާފައިވާ ސިޓީގައި އެ މުވައްޒަފުން ކަނޑާލުމަށް ސިވިލް ސާވިސްއިން ނިންމާފައިވާ ކަމަށް ބުނެފައިވާއިރު ވަޒީފާއިން ކަނޑާލުމުގެ ކުރިން އިސްތިއުފާ ދޭން ބޭނުން ނަމަ އެ ފުރުސަތު ވެސް މުވައްޒަފުންނަށް ދިނެވެ.