Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކައުންސިލް އިންތިހާބުގައި ބަހައްޓާނީ 538 ވޯޓު ފޮށި

އައްޑޫގެ ވޯޓު ފޮއްޓަކަށް މީހަކު ވޯޓު އަޅަނީ، ފޮޓޯ: އައްޑޫލައިވް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 538 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބުރައީސް އަޙްމަދު އަކްރަމް ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުސިލް އިންތިޚާބުގައި މުޅި ރާއްޖޭގައި 538 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަމަށާއި، އޭގެ ތެރެއިން 169 ވޯޓުފޮށި މާލޭގައި ބަހައްޓާނެކަމަށެވެ.

އަކްރަމް ވިދާޅުވީ އެހެން އިންތިޚާބުތަކާއި މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ތަފާތުތަކެއް ހުރުމުން ވޯޓުލާންދާ މީހުންގެ ކިއުތައް ވީހާވެސް މަދުކުރުމަށް ހާއްސަ އިސްކަމެއްދީފައިވާނެކަމަށެވެ. އެގޮތުން ކޮންމެ ފޮށްޓަކަށްވެސް ވޯޓުލުމަށް ލިސްތްކުރާނީ 750އާއި 800 ދެމެދުގެ އަދަދެއްގެ މީހުންކަމަށްވުމާއެކު ޚާއްސަކޮށް މާލޭގައި ވޯޓުލާ މަރުކަޒުތައް އިތުރުވެގެން ދާނެކަމަށެވެ.

އަކްރަމް ވިދާޅުވީ ކުރީގެ ބައެއް އިންތިޚާބުތަކުގައި ހުސްބިންތަކާއި، ސްޓޭޑިއަމްތަކުގައި ވޯޓުލުން ކުރިއަށްގެންދިޔަ ގޮތަށް މިފަހަރުގެ އިންތިޚާބުގައިވެސް އެކަން ތަކުރާރުވެގެންދާނެކަމަށެވެ. އަދި އާންމު ފަރާތްތަކަށް ވީހާވެސް ފަސޭހަކަމާއެކު ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހާއއްސަ އިސްކަމެއްދީގެން ކުރިއަށްދާކަމަށް އަކްރަމް ވިދާޅުވިއެވެ. އެގޮތުން މާލެސިޓީގައި ގަލޮޅު ދަނޑާއި މާފަންނު ސްޓޭޑިއަމްގައިވެސް ވޯޓުލުން ކުރިޔަށްދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބަށް އިލެކްޝަނުން ތައްޔާރުވުމުގެ ގޮތުން އެ ކޮމިޝަނުން ވަނީ ފައިނަލް ވޯޓާސް ލިސްޓު އާއްމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ. އެގޮތުން ވޯޓާސް ލިސްޓަށް 136 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އިއްޔެ އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.