Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފި

އެއާޕޯޓުގައި ބަޔަކު ފުރަން ގޮސްފައި -- ފޮޓޯ / ރާއްޖެ އެމްވީ

މިހާރު ހަލުވިކަމާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަހާއި ގުޅިގެން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫން ދަތުރުތައް ދިވެހިން ނުކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާ އާއި އަދިވެސް މި ބަލި ފެތުރެމުންދާ ގައުމުތަކަށް ދިވެހިން ދަތުރުކުރުމާ ގުޅޭ ޓްރެވެލް އެޑްވައިޒަރީއެއް މިއަދު ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް ނުކުރުމަށް ސަރުކާރުން އިލްތިމާސްކުރައްވާ" ޝާހިދު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ސަރުކާރުން މިއަދު ވަނީ އިތުރު މުހިއްމު ދެ ނިންމުމެއް ވެސް ނިންމާފައެވެ. އެއީ ޗައިނާ އިން ސީދާ ރާއްޖެ އަށް ފްލައިޓުތައް އައުން މިވަގުތަށް މެދުކަނޑާލުމާއި، އެއީ ކޮރޯނާ ވައިރަސްއާ ހިމަބިހިފަދަ ނުރައްކާތެރި ބަލިތައް ފެތުރުން މިދުވަސްވަރު ޢާންމުވެފައިވާތީ، މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށް ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި މިރޭގެ މަޣުރިބް ނަމާދުން ފެށިގެން ގުނޫތު ކިޔަން ޖެހޭ ގޮތަށް ހަމަޖެއްސުމެވެ.

ކޮރޯނާ ވައިރަހުގައި މިހާތަނަށް ޗައިނާގެ 170 މީހުން މަރުވެފައިވާއިރު މި ބައްޔަށް މިހާތަނަށް ޗައިނާގެ 7811 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 1370 ހާލު ސީރިއަސް ކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.