ޗައިނާގެ ވޫހާން ސިޓީގައި ތިބި 9 ދިވެހިންގެ ތެރެއިން އެނބުރި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ހަތް ދިވެހިން އަނބުރާ ރާއްޖެ ގެނެވެން އޮތީ އެހެން ގައުމެއްގައި ކަރަންޓީނު ކޮށްފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވޫހާންގައި ނުވަ ދިވެހިން އެބަތިބި ކަމަށާއި ނަމަވެސް އޭގެތެރެއިން ރާއްޖެ އަންނަން ބޭނުންވަނީ ހަތް މީހަކު ކަމަށެވެ.
ވޫހާން މިވަގުތު އޮތީ ބަންދުކޮށްފައިވާކަން ފާހަގަކުރައްވަމުން ޝާހިދު ވަނީ މިހާރު މަސައްކަތް ކުރަމުންދަނީ އަވަށްޓެރި ގައުމުތަކުގެ މީހުން އެ ސިޓީން ބަދަލުކުރާއިރު ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ވެސް އެތަނުން ބޭރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ލަސްތަކެއް ނުވެ ކާމިޔާބުވާނެ ކަމަށެވެ.
"އެ ގެންނަ ދިވެހި ރައްޔިތުން އެ ގެންނަނީ ސީދާ ރާއްޖެ އަށް ކަމުގައި ނުވާތީ، އެ ގެންދެވޭ ގައުމެއްގެ ޕަބްލިކް ހެލްތުގެ އުސޫލުތަކުގެ މަތީން، އެ ކުރަންޖެހޭ ކަރަންޓީނެއްގެ މުއްދަތު ނިންމާފައި ނޫނީ ރާއްޖެ ގެނެވޭކަށް ނެތް" ޝާހިދު ވިދާޅުވިއެވެ.
ނަމަވެސް ރާއްޖެ ގެނައުމުގެ ކުރިން ކަރަންޓީނު ކުރުމަށް ދިވެހިން ގެންދިޔުމަށް ހަމަޖެހިފައިވާ ގައުމެއް ޝާހިދު ވިދާޅެއް ނުވެއެވެ. އަދި އަވަށްޓެރި ގައުމުތަކާ ގުޅިގެން މެނުވީ މިކަން ކުރެވޭ ގޮތެއް ރާއްޖެ އަށް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ޗައިނާ އަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ދަތުރުކުރާ ފަސް މަންޒިލުން ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ހިލޭ ރާއްޖެ އައުމުގެ ފުރުސަތު ހުޅުވާލުމުން މިހާތަނަށް ޗައިނާގައި ހުންނަ ދިވެހި އެމްބަސީގައި ރަޖިސްޓްރީކޮށްފައިވަނީ އެންމެ ދެ މީހުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.