Last Updated: April 25, 18:52
Thursday, April 25, 2024
ދީން

ބަލިތަކުން ރައްކާތެރިވާން ފިޔަވަޅު އަޅާ، މާތްﷲ ގެ ރަހުމަތުން ނާއުއްމީދު ނުވާތި

ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އަޅައި، މާތްﷲ ގެ ރަހުމަތުން ނާއުއްމީދު ނުވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޮނާ ވައިރަހަށް ޝައްކު ކުރެވޭ މީހަކާއި އަދި ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ބަޔަކު ރާއްޖެ އިން ފެނިފައިވާއިރު މިއަދުގެ ހުކުރު ހުތުބާގެ މައުޟޫ އަކީ "ބަލި ހާލަތު މެދުވެރިވުމުގެ ސަބަބާއި، މުސްލިމުންގެ އަމަލުތައް ބަހައްޓަންވީ ގޮތް" މިއެވެ.

އެގޮތުން ހުތުބާގައި ބުނީ މިފަދަ ނުރައްކާތެރި ވަބާތަކުން ސަލާމަތްވުމަށްޓަކާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، އަސްބާބުތަކުގައި ހިފަންޖެހޭ ކަމަށެވެ. އަދި މާތްﷲ ގެ ރަހުމަތްފުޅާއެކު، މިފަދަ ބަލިތަކުން ސަލާމަތްވެ ތިބުމަށްޓަކާ ބޭސްފަރުވާ ކުރުމާއި، ސިއްހީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅަންޖެހޭ ކަމަށާއި އިސްލާމްދީނުގައި ވެސް އަންގަވާފައިވަނީ ބަލިވެއްޖެނަމަ ބޭސްފަރުވާ ކުރުމަށް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

މީގެއިތުރުން ސާފުތާހިރު ކަމަށްވެސް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދޭންޖެހޭ ކަމަށާއި އެގޮތުން ކެއުމުގެ ކުރިން އަތް ދޮވުމާއި، ކެއްސާ ކިނބިހި އަޅާއިރު އަނގަމަތީގައި އަތް އެޅުން ފަދަ އިސްލާމީ އަދި ސިއްހީ އަދަބުތަކަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި މަގުމައްޗަށް ކުޅު ޖެހުމާއި އަރިދަފޮސް ފޮޅުން ފަދަ ހަޑިހުތުރު އާދަތަކުން ވެސް ދުރުވާންޖެހޭކަން ފާހަގަކޮށްފައިވެއެވެ.

"ބައްޔަކީ ބައެއް ފަހަރު މުއުމިން އަޅުތަކުންގެ ދަރަޖަ އުފުލުމަށް މެދުވެރިވާ ސަބަބެކެވެ. ބައެއް މީހުންނަށް ހީވާ ގޮތުގައި ބައްޔަކީ ހަމައެކަނި މުސީބާތެއްގެ ގޮތުގައި މެދުވެރިވާ ކަމެކެވެ. ނުރަނގަޅު މީހަކަށް މެނުވީ ބައްޔެއް ނުޖެހޭނެއެވެ. ނަމަވެސް އެއީ ރަނގަޅު ހީއެއް ނޫނެވެ. ކިތަންމެ ރަނގަޅު މީހެއް ކަމުގައިވިޔަސް ބަލި ވެދާނެއެވެ. އެގޮތުން މާތް ވެގެންވާ ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންގެ ތެރޭގައި ވެސް ބޮޑެތި ބަލިތައް ތަހައްމަލު ކުރެއްވި ބޭކަލުން ވެއެވެ" ހުތުބާގައި ބުނެފައިވެއެވެ.

މުސްލިމުންނާ ކުރިމަތިވާ އިމްތިހާނުތަކާ ކުރިމަތިލާން ވާނީ މާތްﷲ ގެ މަންހަޖާ އެއްގޮތްވާގޮތުގެ މަތީން، މާތްﷲ އަންގަވާފައިވާ ގޮތަށް ފިޔަވަޅު އަޅައިގެން ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން ބަލިމަޑުކަމެއްނަމަ ބޭސް ފަރުވާކޮށްގެން، ބައެއްޔެއް ފެތުރެމުންދާނަމަ އެ ބައްޔަކުން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިނާއި ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން އަދި އާންމު ސިއްހަތާ ބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ތަބާވެ ބޯ ލަނބައިގެން ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

"އޭރުން ކީރިތި ﷲ ބަރަކާތް ލައްވާނެތެވެ. އަޅަމެންގެ ގައިގައި ސިއްހަތާއި ދުޅަހެޔޮކަމުގެ ފޭރާން ލައްވާނެތެވެ. ވީމާ، އެކަނލާގެ ރަހްމަތުން ނާއުއްމީދު ނުވާށެވެ. ﷲ ގެ ހަޟްރަތުގައި ޝިފާއަށް އެދި ދަންނަވާށެވެ" ހުތުބާގައި ބުނެފައިވެއެވެ.