Last Updated: April 18, 21:16
Thursday, April 18, 2024
ޚަބަރު

މޫލެކެޑުން ގުލް، ކޮރޮވަލުން ޝިނާޒް ޓިކެޓު ކާމިޔާބުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ހިތަދޫ މޫލެކެޑެ ދާއިރާއިން އާމިނަތު ގުލްފިޝާމް އަދި ކޮރޮވައު ދާއިރާއިން އިބްރާހިމް ޝިނާޒް މޫސާ ޓިކެޓު ކާމިޔާބުކޮށްފިއެވެ.

ގުލްފިޝާމް ޓިކެޓު ކާމިޔާބުކުރީ އެމްޑީޕީގެ ހިތަދޫ މެދު ދާއިރާގެ ރައީސް މޫސާ މުހައްމަދު، މުހައްމަދު ލަތީފް އަދި އިބްރާހިމް ދީދީ އާ ވާދަކޮށްގެންނެވެ. ގުލްފިޝާމާ އެންމެ ކައިރިން މި އިންތިޚާބުގައި ވާދަކޮށްފައިވަނީ މޫސާ މުހައްމަދެވެ.

ޝިނާޒް ވާދަކޮށްފައިވަނީ އިސްމާއިލް ނަޖީބާއެވެ. ޝިނާޒް އަށް ވަނީ މި އިންތިޚާބުގައި ތަފާތު ބޮޑު ކާމިޔާބީއެއް ލިބިފައެވެ.

ހިތަދޫގެ އިތުރު ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ބޭރުމަތިން މަރިޔަމް ސައީދާ، މެދެވަލުން ޑެޕިއުޓީ މޭޔަރ ޔަސްރިފް ބަލިކޮށް މުހައްމަދު ޝުއާއު، މާމެންދޫ އިން ޖަމްޝީދާ(މާހު) އަދި ރަސްގެދަރުން ހުސެއިން ޒަރީރު އެވެ.