Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ނައިޖީރިޔާގެ ފޯވާޑް އިގާލޯ ޔުނައިޓެޑަށް

ޗައިނާގެ ޝަންހާއީ ޝެންހުއާ އަށް ކުޅެމުން އައި ނައިޖީރިޔާގެ ފޯވާޑް އޮޑިއޮން އިގާލޯ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

އުމުރުން 30 އަހަރުގެ އިގާލޯ ޔުނައިޓެޑަށް ބަދަލުވީ ލޯނެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށެވެ.

އިގާލޯ ގެނައުމާ ގުޅިގެން ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުނީ އިގާލޯ އަކީ ތަޖުރިބާކާރު ކުޅުންތެރިއެއް ކަމަށާއި ޔުނައިޓެޑްގައި ހޭދަކުރާ ކުރު މުއްދަތުގެ ތެރޭގައި ޓީމުގެ ފޯވާޑް ލައިނަށް ތަފާތު އެއްޗެއް އިތުރުކޮށްދޭނެ ކަމަށެވެ.

އިގާލޯ ވަނީ މީގެކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބެއް ކަމަށްވާ ވޮޓްފޯޑަށް ވެސް ކުޅެފައެވެ. އެގޮތުން އެ ކްލަބުގައި ހޭދަކުރި ތިން އަހަރުތެރޭ އިގާލޯ ވަނީ 99 މެޗުގައި 39 ގޯލު ކާމިޔާބުކޮށްފައެވެ.

ޗައިނާގެ ސުޕަރ ލީގަށް އިގާލޯ ބަދަލުވީ 2017 ވަނަ އަހަރުއެވެ. އެގޮތުން ޗަންގްޗުން ޔަޓާއީގައި ދެ އަހަރު ހޭދަކުރުމަށްފަހު ޝަންހާއީ ޝެންހުއާއީ އަށް ބަދަލުވެ އިގާލޯ ވަނީ ކުޅުނު 19 މެޗުގައި 10 ގޯލު ކާމިޔާބުކޮށްފައެވެ.

އިގާލޯ އަކީ ނިމިގެންދިޔަ ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑަށް ގެނައި ދެވަނަ ކުޅުންތެރިއާއެވެ. އިގާލޯގެ އިތުރުން ދެން ޔުނައިޓެޑަށް ގެނެސްފައިވަނީ ސްޕޯޓިން ލިސްބަން އަށް ކުޅެމުން އައި ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފަނާންޑޭސް އެވެ.