ކޮމަންވެލްތުގެ ގައުމެއްގެ ގޮތުގައި ރަސްމީކޮށް ރާއްޖެ ކަނޑައަޅައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމަންވެލްތުގެ ހުރިހާ ޤައުމެއްގެ ފުރިހަމަ ތާޢީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިއްޖެ ކަމުގެ އުފާވެރި ޚަބަރު ކޮމަންވެލްތުގެ ސެެކެޓްރީ ޖެނެރަލް އެމަނިކުފާނަށް ދެއްވާފައިވާ ކަމަށެވެ.
"މިއީ ދިވެހި ރައްޔިތުންނަށް ބައިނަލްއަޤްވާމީ މަސްރަޙުގައި ލިބުނު ބޮޑު ކާމިޔާބީއެއް،" ރައީސް ވިދާޅުވިއެވެ.
ކޮމަންވެލްތުގައި ރާއްޖެ އަލުން ބައިވެރިވުމަށް ހުށަހަޅާފައި ވަނީ 2018ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7ވަނަ ދުވަހުއެވެ. ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެއްގޮތަށް، ރާއްޖެއިން ކޮމޮންވެލްތްގައި އަލުން ބައިވެރިވުމަށް އެދޭކަމުގެ ސިޓީފުޅު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އެ ދުވަހު ފޮނުއްވެވިއެވެ.
އެ ސިޓީފުޅުގައި ކޮމަންވެލްތްގެ ޗާޓަރގައާއި ހަރާރޭ ޑެކްލެރޭޝާންގައި، ބަޔާންކޮށްފައިވާ އުޞޫލުތަކަށް ހުރުމަތްތެރިކޮށްހިތައި، އެއްބަސްވެފައިވާ ކަންކަން ނަގަހައްޓައި، އެކަންކަމަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ. އަދި، ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ނިންމާފައިވަނީ ކޮމަންވެލްތް ޗާޓަރގައިވާ އުޞޫލުތަކަކީ ރާއްޖެއާއި ބޭރު ދުނިޔޭގެ އެހެން ޤައުމުތަކާ ދެމެދުގައި އޮންނަ އެކުވެރި ގުޅުން ދެމެހެއްޓުމަށްޓަކައި ލިބިގެންދާނެ މުހިންމު ބާރަކަށްވާތީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވެއެވެ.
އޭގެފަހުން ދެ ފަހަރެއްގެ މަތިން ކޮމަންވެލްތުގެ ވަފްދުތައް ވަނީ ރާއްޖެ ވަޑައިގެން ރާއްޖޭގެ މަސްރަހު ދިރާސާ ކޮށްފައެވެ.