Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް 373 ޝަކުވާ ލިބިއްޖެ

ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމުގެ ގޮތުން ވޯޓު ގުނަނީ: ފޮޓޯ / އަވަސް

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތުގައި ލިބުނު ޝަކުވާތަކުގެ އަދަދު އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފިއެވެ.

އިލެކްޝަނުން ބުނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތު ހަމަވިއިރު އެ ލިސްޓަށް 373 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. 

ވޯޓާސް ލިސްޓުގައިވާ ގޮތުގައި މި ދެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 269،623 އެވެ. އަދި މިދިޔަ އޭޕްރިލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 264،442 މީހުންނަށެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގައި 5181 މީހުން ފުރަތަމަ ފަހަރަށް ވޯޓު ދިނުމުގެ ހައްގު ވަނީ ލިބިފައެވެ.

އީސީން ބުނީ، ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ އެކޮމިޝަންގެ ވެބްސައިޓުންނާއި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާއާއި ތިން ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

އިލެކްޝަނުން ވަނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ދީފައެވެ.