ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް 60 ޕަސެންޓުގެ ގޮނޑި ޔަގީނުންވެސް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން އިއްޔެ ވަނީ ކައުންސިލް އިންތިހާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަށަވަރު ކުރުމަށްޓަކައި އެޕާޓީގެ ޕްރައިމަރީ ބާއްވާފައެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މޮޅުވި ކެންޑިޑޭޓަށް ލިބުނު އަދަދަށްވުރެ ގިނައިން އެމްޑީޕީގެ ޕްރައިމަރީގައި މޮޅުވި ކެންޑިޑޭޓަށް ލިބުނު ވޯޓުގެ އަދަދު ގިނަ ކަމަށެވެ.
"އެއްވެސް ޝައްކަކާ ނުލާ 60 ޕަސެންޓް ގޮނޑި [ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީން ކަމާ]އެކު މި ފަށަނީ. އެއްވެސް ޝައްކަކާ ނުލާ 60 ޕަސެންޓްގެ ގޮނޑިއާ އެކު މިފަށަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ތާއީދު މަދުން ލިބިގެން ގޮސްފައިވާ ދާއިރާތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. ވިދާޅުވީ ބައެއް ދާއިރާތަކުން ފަސް ގޮނޑި ސީދާ އެމްޑީޕީއަށް ނުލިބިދާނެ ކަމަށެވެ. އެހެންނަމަވެސް މުޅި ރާއްޖޭގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އިދިކޮޅު ފަރާތްތަކަށް ވެސް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ ޕީޕީއެމް އިން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރުމުގެ ގާބިލުކަން ހުރި ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް މި އިންތިހާބުގައި ބައިވެރިވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، މިފަހަރު އިންތިހާބުގައި އެޕާޓީން ނެރޭ މެނިފެސްޓޯ ތައްޔާރުކުރުމުގެ ކަންކަން މިހާރު ކުރިއަށްދާ ކަމަށާއި އެ މެނިފެސްޓޯ އެހެން އިންތިހާބުތަކުގައި ނެރޭ މެނިފެސްޓޯއަށް ވުރެ ތަފާތު ވާނެ ކަމަށެވެ.
"މިފަހަރު ވައުދުވާއިރު، އެ ވައުދު ފުދެމުންދާތަން، ކަންސިލް މެދުވެރިވެގެން އެކަން ހިނގަމުންދާތަން ރައްޔިތުންނަށް ފެންނާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން އިއްޔެ ޕްރައިމަރީ ބޭއްވިއިރި ތިން ސިޓީ ކައުންސިލްގެ މޭޔަރުންވެސް ވަނީ އިންތިހާބުން ނާކާމިޔާބުވެފައެވެ. އަދި އެ ޕްރައިމަރީގައި ހަމަނުޖެހުންތައް ހިނގާ ގއ. އަތޮޅުގެ ޕްރައިމަރީ ވަނީ ބާތިލްކޮށްފައެވެ.