Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މޭޔަރުން ފެއިލްވި ކަމަށް ނުދެކެން: ނަޝީދު

ދައުރު ހަމަވުމާ ގާތްވެފައިވާ ރާއްޖޭގެ ތިން ސިޓީގެ މޭޔަރުކަން ކުރެއްވި ތިން ބޭފުޅުންނަށް ވެސް އާ ދައުރަކަށް އިންތިޚާބު ވުމުގެ ފުރުސަތު ގެއްލުނީ އެ ބޭފުޅުން ފެއިލްވެފައިވާތީ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އެމްޑީޕީ ޕްރައިމަރީ އާ ގުޅޭގޮތުން މިއަދު އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިޔަކު ފެއިލްވި މޭޔަރުންނާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ފެއިލްވީ މޭޔަރުން ނޫން ކަމަށާއި، ކުރީ ސަރުކާރު ކަމަށެވެ.

ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ރާއްޖެއިން ރޫޅާލި ކަމަށާއި، ހުރިހާ ދުއްތުރާ އެއް ކުރިމަތިވީ މޭޔަރުންނާއި ސިޓީ ކައުންސިލަރުންނަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ސިޓީ ކައުންސިލްތަކަށް އެނގިވަޑައިގަންނަވާނެ މަސައްކަތް ނުކުރެވުނު އެންމެ ބޮޑު ސަބަބަކީ ލާމަރުކަޒީ ނިޒާމް ރޫޅާލުމާއި ސިޓީ ކައުންސިލްތައް ހަލާކުކޮށްލުންކަން،" ނަޝީދު ވިދާޅުވިއެވެ.

ކައުންސިލް އިދާރާ އަތުލެއްވި ކަމަށާއި، ގޮނޑިއާ މޭޒު އަތުލައްވައި މުސާރައިން ވެސް ކެނޑުއްވި ކަމަށާއި އޭރުގެ ސަރުކާރުން ކައުންސިލަރުން ހައްޔަރު ވެސް ކުރި ކަމަށް ނަޝީދު، ކުރީ ސަރުކާރަށް ފާޑުވިދާޅުވަމުން ފާހަގަކުރެއްވިއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އައްޑޫ، މާލެ އަދި ފުވައްމުލަކު ސިޓީ އެމްޑީޕީ މެމްބަރުން ވެސް ވަނީ އާ މޭޔަރަކު ހޮވުމަށް ފަހު ބަސް ބުނެފައެވެ. އައްޑޫ ސިޓީ މޭޔަރުގެ މަގާމުގައި ފާއިތުވެދިޔަ ތިން ދައުރު ވެސް ހުންނެވި އަބްދުﷲ ސޯދިގު(ސޯބެ) ބަލި ކުރެއްވީ ކުރީގެ މަޖިލިސް މެމްބަރު އަލީ ނިޒާރު އެވެ.

މާލޭ ސިޓީ މޭޔަރު ޝިފާގެ މައްޗަށް ކުރި ހޯއްދެވީ އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. އަދި ފުވައްމުލަކު ސިޓީގެ މޭޔަރ ފަލާހު ބަލިކޮށް ޓިކެޓު ކާމިޔާބު ކުރީ އިސްމާއިލް ރަފީގް އެވެ.