Last Updated: April 20, 07:18
Saturday, April 20, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ވައިރަސް ޖެހުނު 328 މީހަކަށް ފަރުވާދީ ރަނގަޅުކޮށްފި

ކޮރޯނާ ވައިރަސް ޖެހުނު 300 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީ ރަނގަޅުކޮށްފި އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ނެރެފައިވާ ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ޗައިނާގެ ހޮސްޕިޓަލުތަކުން ވަނީ މި ބަލި ޖެހުނު 328 މީހަކަށް ފަރުވާދީ ރަނގަޅުކޮށް ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އެ ކޮމިޝަނުން ބުނާ ގޮތުގައި މި ބަލި ޖެހިފައިވާ މީހުން ހޮސްޕިޓަލުތަކުން ދޫކޮށްލަނީ ބަލީގެ އަލާމާތްތައް އިތުރަށް ފެންނަން ނެތުމުންނާއި، މީހާގެ ފިނިހޫނުމިން ތިން ދުވަސް ވަންދެން ނޯމަލް ވަރެއްގައި ހުރުމުންނާއި، އަދި ބަލި ޖެހިފައިވާ މީހުން ރަނގަޅުވިތޯ ބެލުމަށް ހާއްސަ ޓެސްޓެއް ދެ ފަހަރު ހަދައި، އެ ދެ ފަހަރުވެސް ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް ދެއްކުމުން ކަމަށެވެ.

އިއްޔެގެ ނިޔަލަށް މި ބަލި ޖެހިގެން ޗައިނާ އިން މަރުވި މީހުންގެ އަދަދު 304 އަށް އަރާފައިވާއިރު މި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 14،000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބައްޔަށް ޝައްކު ކުރެވޭ 19،544 ކޭހެއް ވެސް އިއްޔެގެ ނިޔަލަށް ވަނީ ފެނިފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.