Last Updated: April 26, 20:24
Friday, April 26, 2024
ކުޅިވަރު

ލިވަޕޫލް ފަސްބެލުމެއް ނެތް، 22 ޕޮއިންޓުގެ ލީޑެއް

ސައުތްހެމްޓަން 4-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި ލިވަޕޫލުން 22 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް މިހާރު އޮތީ 73 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 51 ޕޮއިންޓާ އެކު މެންޗެސްޓަރ ސިޓީ އޮތްއިރު ތިންވަނައިގައި 49 ޕޮއިންޓާ އެކު އޮތީ ލެސްޓަ ސިޓީއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު، ދެވަނަ ހާފްގެ ކުރީކޮޅު ޗެމްބަލޭން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މެޗުގެ 60 މިނެޓްގައި ލިވަޕޫލްގެ ދެވަނަ ގޯލު ހެންޑަސަން ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ.

ރޭގެ މޮޅަކީ ލީގުގައި ލިވަޕޫލް ޖެހިޖެހިގެން ހޯދި 16 ވަނަ މޮޅުކަން ފާހަގަކޮށްލެވެއެވެ. ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު އެޓީމު އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީ އާއި ލެސްޓަ ސިޓީ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެންޗެސްޓަރ ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު އެވަޓަން އިން ވަނީ ފަހު ވަގުތު 3-2 އިން ވޮޓްފޯޑް ބަލިކޮށްފައެވެ.