Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

އެތްލެޓިކޯ ބަލިކޮށް ރެއާލަށް ހަ ޕޮއިންޓުގެ ލީޑެއް

އެތްލެޓިކޯ މެޑްރިޑް 1-0 އިން ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް މެޑްރިޑުން ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާއެކު އެއްވަނައިގައި ރެއާލް އޮތީ 49 ޕޮއިންޓާ އެކުއެވެ. ރެއާލް އަށްވުރެ އެއް މެޗު މަދުން ކުޅެ 43 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައި އޮތީ ބާސެލޯނާއެވެ. އެތްލެޓިކޯ އޮތީ 36 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް، ދެ ޓީމަށް ވެސް މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެއެވެ. އެގޮތުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި އެތްލެޓިކޯގެ ކޮރިއްޔާ އަށެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ރެއާލް އިން ކާމިޔާބުކުރީ 56 ވަނަ މިނެޓްގައެވެ. އެގޮތުން މެންޑީ ނަގައިދިން ހުރަހަކުން މި ގޯލު ރެއާލް އަށް ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާއެވެ. މި ގޯލަށްފަހު ލީޑު ފުޅާކޮށްލަން ރެއާލްގެ ޒުވާން ފޯވާޑް ވިނީޝަސް އަށް ރަނގަޅު ދެ ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ހުރަހަކަށްވީ އެތްލެޓިކޯގެ ކީޕަރު އޮބްލަކް އެވެ.

ރޭގެ މޮޅަކީ ލީގުގައި ރެއާލް އިން ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ.

ރެއާލްގެ ލީޑު ކުޑަކުރަން މިރޭ ދެވަނައިގައި އޮތް ބާސާ ނިކުންނާނީ ލެވާންޓޭއާ ދެކޮޅަށެވެ.