"'މޯލްޑިވްސް އިނޮވޭޝަން ކުއެސްޓް"ގެ ނަމުގައި އުފެއްދުންތެރި ވިޔަފާރިތައް ފެށުމާ ގުޅޭ ޕްރޮޕޯސަލް ހުށަހެޅުމުގެ މުބާރާތެއް ފަށައިފިއެވެ.
މޯލްޑިވްސް އިނޮވޭޝަން ކުއެސްޓް އިފްތިތާހުކޮށްދެއްވީ ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއެވެ.
މި މުބާރާތަށް ހުށަހަޅާ ޕްރޮޕޯސަލްތައް ޖަޖު ކުރުމަށްޓަކައި ކަނޑައަޅާފައިވަނީ އައިޓީ ސްޕެޝަލިސްޓުންނާއި ތައުލީމީ ދާއިރާ ފަދަ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ފަސް ޖަޖުންގެ ޕެނަލެކެވެ. މި މުބާރާތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 20ވަނަ ދުވަހެވެ. މުބާރާތް އޮންނަ ތާރީހަކީ އަންނަ މަހުގެ 25ވަނަ ދުވަހެވެ. އެވޯޑު ކުރުން އޮންނާނީ އަންނަ މަހުގެ 27ވަނަ ދުވަހެވެ.
މި މުބާރާތުން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ މެދުގައި ގައުމީ ފެންވަރުގައި މުބާރާތެއް ބާއްވާނެއެވެ.
އެ މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަށް "މޯލްޑިވްސް އިނޮވޭޝަން އެވޯޑް" ގެ ނަމުގައި ހާއްސަ އެވޯޑެއް ލިބުމުގެ އިތުރުން މާޗް މަހު ދުބާއީގައި އޮންނަ އެނުއަލް އިންވެސްޓްމަންޓް މީޓިންގްގައި ކުރިއަށްދާ ނެޝަނަލް ޕިޗިންގް ކޮމްޕެޓިޝަންގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
"'މޯލްޑިވްސް އިނޮވޭޝަން ކުއެސްޓް"ގެ ނަމުގައި އުފެއްދުންތެރި ވިޔަފާރިތައް ފެށުމާ ގުޅޭ ޕްރޮޕޯސަލް ހުށަހެޅުމުގެ މުބާރާތެއް ފެށިއިރު އުފެއްދުންތެރި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ފަންޑެއް ވެސް ސަރުކާރުން ރޭ ވަނީ ތައާރަފުކޮށްފައެވެ.