ކ. އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އާރަށް ހަމަޖެއްސެވީ ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި އާރަށް ކަނޑައެޅީ މިހާރު ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކ. ފުނަދޫއަކީ ވަޒީފާ އަދާ ކުރާ އެތައް ބަޔަކު އުޅެމުން އަންނަ ތަަނަކަށް ވާތީ އެތަނުގައި ތިބި މުވައްޒަފުން ބިރުވެރި ކަމަކަށް ހުށަހެޅުމަށް ނުދިއުމަށްޓަކައި ކަމަށެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް މި ސަރުކާރުން އަހާނެ ކަމަށާއި ވަކިން ހާއްސަކޮށް މިފަދަ ހައްސާސް ދަނޑިވަޅުތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުން އަހާނެ ކަމަށެވެ.
ކޮރޯނާއަށް ތިން ދިވެއްސަކު ޝައްކުވި ނަމަވެސް ރޭ ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ މީގެކުރިން ފެނުނު އެއްވެސް އަލާމާތެއް މިހާރު އެ ތިން މީހުންގެ ކިބައިން ނުފެންނަ ކަމަށެވެ.
އާ ރަށަކީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅަކަށް ހާއްސަކޮށްފައިވާ ރަށެކެވެ.