ކޮރޯނާއަށް ޝައްކު ކުރެވިގެން ކ. ފުނަދޫގައި ކަރަންޓީނުކޮށް ރާއްޖެއިން ބޭރަށް ޓެސްޓުތައް ފޮނުވާފައިވާ މީހުންގެ ނަތީޖާތައް ލިބިގެން ދާނީ މާދަމާ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވިދާޅުވީ، މިހާރު ސާމްޕަލްތައް ލެބޯޓަރީއަށް ފޯރާފައިވާ ކަމަށެވެ. މިވަގުތަށް ޓެސްޓް ލިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ދީފައިވާ ތާރީހަކީ މާދަމާކަމަށެވެ. އެހެންނަމަވެސް ހެލްތު މިނިސްޓްރީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ މިއަދު ޓެސްޓުތަކުގެ ނަތީޖާ ލިބިގެންދާނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ހެލްތު މިނިސްޓަރު އެފަދައިން ރޭގައި ވިދާޅުވީ ހެލްތު މިނިސްޓަރަށް ޑަބްލިއުއެޗްއޯއިން ދީފައިވާ މައުލޫމާތުތަކަށް ބަލާފައި ކަމަށެވެ. އެގޮތުގެ މަތިން އެ މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ލެބޯޓަރީއަށް ޓެސްޓުގެ ސާމްޕަލްތައް އެތެރެ ކުރެވެން އަންނަނީ ވަކި ހާއްސަ ހުއްދަތަކެއް ލިބިގެން ކަމަށެވެ.
އަލީ ވަހީދު ވިދާލުވީ ކޮންމެ ވަގުތަކު ނަތީޖާ ލިބުނު ނަމަވެސް އެއްވެސް އޮޅުވާލުމެއް ނެތި ދިވެހި ރައްޔިތުންނަށް ކަމުގެ ހަގީގަތް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.
ޓެސްޓު ހެދުމަށް ސާމްޕްލް ފޮނުުވި ތިން މީޙުން އެކަހެރިކޮށްފައިވަނީ ކ. ފުނަދޫގައެވެ. އެކަހެރި ކުރި އިރު އެ ތިން މީހުންގެ ފަރާތުން ފެންނަ ހުރި އަލާމާތްތައް މިހާރު ނުފެންނަކަމަށް އިއްޔެ ހެލްތް މިނިސްޓްރީން ވަނީ ބުނުފައެވެ.