Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ވޫހާންގައި ތިބި ދިވެހިން ދިއްލީގައި ކަރަންޓީން ކޮށްފި

ވާުހާނުން އިންޑިއާގެ ދިއްލީއަށް ގެންދިޔަ ހަތް ދިވެހިން --

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށި ވައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އައުމަށް ބޭނުންވެފައި ތިބި ހަތް ދިވެހިން އަވަށްޓެރި އިންޑިއާގެ ނިއުދިއްލީއަށް ގެނައުމަށްފަހު ކަރަންޓީނުކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ދިއްލީއަށް ގެންދިޔަ އެ ހަތް ދިވެހިން ކަރަންޓީނު ކުރުމުން އިންޑިއާގައި ހުންނަ ދިވެހި އެމްބަސީން އެ ހަތް މީހުންގެ އާއިލާތަކަށް ގުޅޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ހަތް ދިވެހިން ކަރަންޓީނު ކޮށްފައިވަނީ އިންޑީ ޓިބެޓަން ބޯޑާ ޕޮލިސް ޗައުޅާ ކޭމްޕުގައެވެ. އެ ސަރަހައްދުގައި އިންޑިއާގެ އަސްކަރިއްޔާއިން ވަނީ ކަރަންޓީން ފެސިލިޓީ ގާއިމްކޮށްފައެވެ.

މިވަގުތު ޗައިނާގައި ތިބީ 43 ދިވެހިންނެވެ. އެމީހުންގެ ހާލަތުވެސް ރަނގަޅު ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ދިއްލީ ސަރަހައްދުގައި ކަރަންޓީން ކުރާ ހަތް ދިވެހިން 14 ދުވަހަށް ކަރަންޓީން މުއްދަތު ހޭދަކުރާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މީގެ ތިން ދުވަސް ކުރިން ބޭއްވި ނޫސް ކޮންފަރެންސެއްގައި ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ވޫހާންގައި ތިބި 9 ދިވެހިންގެ ތެރެއިން 7 ދިވެހިން ރާއްޖެ އަންނަން ބޭނުންވާ ކަމަށާއި އެކަން އެކުވެރި ގައުމަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްކަން ޝާހިދު އޭރު ވިދާޅެއް ނުވެއެވެ.

ވޫހާން އަކީ ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރެމުން އަންނަ ސިޓީއެވެ. މި ސިޓީ ވަނީ ޗައިނާ ސަރުކާރުން ކަރަންޓީނުކޮށްފައެވެ. އެހެންވެ މި ސިޓީއަށް ވަދެ ނިކުމެވެނީ ޗައިނާ ސަރުކާރުގެ ހާއްސަ ހުއްދަ އަކާއި ގުޅިގެންނެވެ.