Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މަޖިލިހުން ހިތަދޫ ސްކޫލަށް ކޮމްޕިއުޓަރު ހަދިޔާކޮށްފި

ރައްޔިތުންގެ މަޖިލީހުގައި ބޭނުން ކުރަމުން އައި ކޮމްޕިއުޓަރުތައް ބޭނުން ކުރުން ހުއްޓާލުމާ ގުޅިގެން އެ ކޮމްޕިއުޓަރުތައް ހިތަދޫ ސްކޫލަށް ހަދިޔާކޮށްފިއެވެ.

ހިތަދޫ ސްކޫލުން މަޖިލީހުގައި ބޭނުން ކުރަމުން އައި ކޮމްޕިއުޓަރުތައް ހޯދުމަށް މަޖިލީހުގައި އެދުމުން، 60 ކޮމްޕިއުޓަރު ވަނީ އެ ސްކޫލަށް ހަދިޔާކޮށްފައެވެ.

މަޖިލިސް ރައީސް، މުހައްމަދު ނަޝީދު ވަނީ ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީއަށް އިއްޔެ ގުޅުއްވައި، ކޮމްޕިއުޓަރުތައް ހަދިޔާ ކުރައްވާފައިވާ ވާހަކަ ދަންނަވާފައެވެ. އަދި ސްކޫލުގެ ހާލަތު އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ.

ޑރ. އާސިޔާ ވަނީ މަޖިލީހުގެ މި ދީލަތި އެހީގެ ބޭނުން ސްކޫލުން ހެޔޮ ގޮތުގައި ހިފާނެ ކަމަށާއި، އޭގެ ސަބަބުން ދަރިވަރުންނަށް މިހާރަށް ވުރެ ފައިދާކުރުވަނިވި ގޮތަކަށް ކޮމްޕިއުޓަރު ކުލާސްތަކުގެ ބޭނުމާއި އެހެނިހެން ބޭނުންތައް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ރައީސުލް ޖުމުހޫރިއްޔާ މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވެސް ވަނީ، ސްކޫލް ދަރިވަރުން ޓެކްނޮލޮޖީއަށް ވަނުމުގެ މުހިއްމު ކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ސްކޫލު ދައުރުގައި ކޮމްޕިއުޓަރާއި ޓެކްނޮލޮޖީ ދުނިޔެއަށް އަހުލުވެރިކުރުމަށް މަންހަޖު ބަދަލު ކުރައްވަން ނިންމަވާފައިވާ ކަން އިއުލާން ކުރެއްވިއެވެ.