Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތް ނިންމާލައިފި

ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލައްވައިފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތް ނިމި ރިޕޯޓު ލިބުނުހާ އަވަހަށް އެކަންކަމާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައި ދެއްވާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް އެކުލަވައިލި އެސެޓް ރިކަވަރީ ކޮމިޓީން ވެސް މިހާރު މަސައްކަތްތައް ނިންމައި ފައިނަލް ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލަތަކުގެ ރިޕޯޓްތައް ލިބުމުން، އެކަންކަމާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ކޮމިޝަނަކީ ކުރީގެ ސަރުކާރުން ކޮށްފައިވާ ހިޔާނާތުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަކެވެ.

މި ކޮމިޝަން ރައީސް ސޯލިހު އުފައްދަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވި ދުވަހުއެވެ. އެ ކޮމިޝަނުގެ އިތުރުން ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށްވެސް ރައީސް ސޯލިހު ވަނީ ކޮމިޝަނެއް އެކުލަވާލާފައެވެ. އެ ކޮމިޝަނުންވެސް ވަނީ މިހާތަނަށް ދިވެހިން އެނގެން ބޭނުންވެފައިވާ ތިބި އެތައް މަރުތަކެއްގެ ހަގީގަތް އާއްމުންނަށް ހާމަކޮށްދީފައެވެ.