ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އިދިކޮޅު ލީޑަރަކީ ކޮން ބޭފުޅެއްކަން އެނގިވަޑައެއް ނުގަތެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެއްޓުމުގެ ގޮތުން ބޭއްވި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ ނިންމާލައްވާ ނަޝީދު ވަނީ ވާހަކަފުޅުދައްކަވާފައެވެ. ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ އަހަރަކަށް ވެސް މަޖިލިސް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށް މަޖިލީހުގައި ޖަވާބު ދެއްވާންޖެހޭނީ އިދިކޮޅު ލީޑަރު ކަމަށާއި މިހާރުގެ މަޖިލީހުގެ އިދިކޮޅު ލީޑަރަކީ ކޮބާކަން އެނގުނުހާ އަވަހަކަށް ބަޔާނަށް ޖަވާބު ދޭނެ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސި ބަޔާނަށް ޖަވާބު ދިނުން އޮންނަނީ އޮޕޮޒިޝަން ލީޑަރަށް. އެހެންވެ އެޔެއް އެބަ އޮޅުންފިލުވަންޖެހޭ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާނަށް އަރުވާ ޖަވާބު މަނިކުފާނަށް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަމެއް އޮޅުންފިލީމަ އަޅުގަނޑުމެން ފޮނުވާނަން،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައި ރާއްޖޭގެ މިވަގުތު ހާލަތާއި އެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ޓަކައި ގަސްދުކުރައްވާ ގިނަ ކަންތައްތަކެއް އެމަނިކުފާނު ވިދާޅުވެދެއްވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއި އެކުގައި ރައްޔިތުން މަޖިލީހުގެ އިދިކޮޅަށް ނިސްބަތްވާ މެންބަރުން ސުލްހަވެރި އިހުތިޖާޖެއް ކުރެއްވިއެވެ. އެ އިހުތިޖާޖުގައި ބައިވެރިވެވަޑައިތަތީ 5 މެންބަރެކެވެ. ރައީސް ރިޔާސީ ބަޔާން ދެއްވާ ނިމުމުން އިހުތިޖާޖު ނިންމާލެއްވުމަށްފަހު އިދިކޮޅު މެންބަރުންވެސް ގޮނޑިކޮޅުގައި އިށީނދެ ވަޑައިގަތެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާ ނިންމާލެއްވުމުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ ރިޔާސީ ބަޔާނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. މިއީ ރައީސްކަމާއި ހަވާލުވެލެއްވުމަށްފަހު ރައީސް ސޯލިހު ދެއްވި ދެވަނަ ރިޔާސީ ބަޔާނެވެ.