ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން ނުވަތަ މޮނީޓަރިންގައި ތިބި މީހުންގެ ޓެސްޓުތައް ނެގެޓިވް ވެފައިވާކަން ހާމަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ.
އެކަމާ ގުޅިގެން އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮރޯނާވައިރަސް ހުރެދާނެ ކަމަށް މޮނީޓާކުރުމަށް އެކަހެރިކޮށްފައި ތިބީ ހަތް މީހުން ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ވައިރަސް ހުރެދާނެކަމަށް ބެލެވޭ މިންގަނޑަށް ފެތޭ މީހަކާއި ޗައިނާއިން ދަތުރުކޮށްފައިވާ ދިވެހިންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރިކަމަށް ރިޕޯޓްކޮށްފައިވާ ނަމަވެސް ބަލިހުރެދާނެ ކަމަށް ޝައްކު ނުކުރެވޭ ހަތަރު މީހެއްގެ އިތުރުން ބަލީގެ އަލާމާތެއް ނުފެންނަ، ނަމަވެސް ޗައިނާއިން ދަތުރުކޮށްފައިވާ ދެ ދިވެހިން ކަމަށެވެ.
އެގޮތުން އެ އެންމެންގެ ސާމްޕަލްތައް ވެސް އިންޑިއާގެ ޕޫނޭއަށް ފޮނުވައިގެން ޓެސްޓުކުރިއިރު ނެގެވިޓް ކަމަށް ދައްކާފައިވާތީ، އެ އެޖެންސީގެ މޮނީޓަރުންގެ ދަށުން އެ އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އަދި އެ ބައްޔަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައވާ އަދި މޮނިޓަރިންގައި ބެހެއްޓިފައިވާ އެއްވެސް ފަރާތެއް މިވަގުތު ނެތް ކަމަށް އެ އެޖެންސީން ބުނެއެވެ.