ހިތަދޫއަށް ސާފު ބޯފެން ފޯރުކޮށް ދިނުމަށް އެސްޔޫއެލް އާއި އިނގިރޭސި ވިލާތުގެ ބައި ވޯޓާ ކުންފުނިން އެޅި ފެން ލައިން ތަކުން ލީކު ވަމުންދާ ކަމަށް މިހާރު ފެނާއި ނަރުދަމާ އާއި ހަވާލުވެފައިވާ ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް ޑައިރެކްޓަރ ހުސެއިން ޒަރީރު ވިދާޅުވީ ފެންލައިންތަކުން ގިނަ އަދަދަކަށް ފެން ލީކުވަމުން އަންނަ ކަމަށެވެ.
ބައިވޯޓާއިން ވަޅުލާފައިވާ ފެން ހޮޅިތައް ފަޅައިގެން ގޮސް ބައެއް ސަރަހައްދުތަކުގެ މަގު މަތީގައި ބޮޑެތި ފެންގަޑު ހެދިފައި އެބަވެއެވެ. އަދި ބައެއް ސަރަހައްދުު ތަކުން ގިނަ އަދަދަކަށް ފެން އަރާ މަންޒަރު ދޭތެރެ ދޭތެރެއިން ފެނެއެވެ.
ޒަރީރު ވިދާޅުވީ ހޮޅިތަކުން ލީކު ވުމުގެ ސަބަބުން މަހެއްގެ މައްޗަށް 6 ލައްކަ ލީޓަރު ފެން އިސްރާފްވާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ފެނަކައިން ކުރި މަސައްކަތުން ލީކުވާ މިންވަރު 20 ހާސް ލީޓަރަށް ދަށްކުރެވިފައިވާ ކަމަށެވެ.
ޒަރީރު ވިދާޅުވީ މިގޮތަށް މިހާ އަވަހަށް ފެން ލީކުވާން ފެށީ މަސައްކަތް ކުރި ކުންފުނީގެ އިހުމާލުން ކަމަށެވެ. އަދި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފަރުވާ ކުޑަގޮތަކަށް ކަމަށް ޒަރީރު ވިދާޅުވިއެވެ.
މެއި 8 ވަނަ ދުވަހު ރަސްމީކޮށް ހިތަދޫއަށް ފެން ދޫކޮށްފައިވާ އިރު މިހާތަނަށް ހިލޭ 150 ގެއަށް ފެންވަނީ ގުޅައިދީފައެވެ. އަދި އިތުރު ގެތަކަށް ފެން ގުޅައި ދިނުމުގެ މަސައްކަތް އެކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.
ހިތަދޫއަށް ފެން ގުޅުމުގެ ރަސްމިއްޔާތު ރައީސް ވަހީދު އިފްތިތާހް ކޮށްދެއްވުމަށް ފަހު ވިދާޅުވެފައިވަނީ ސާފު ބޯފެން ދިނުމަށް އެމްޑަބްއިލުއެސްސީ އާއި ހަވާލު ކުރައްވާނެ ކަމަށެވެ. ނަމަވެސް އެކަން ކުރިއަކަށް ނުދެއެވެ.