ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ގާއިމު ކުރަމުންދާ ފްލެޓުތަކަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ބައެއް ފަރާތްތަކަށް ނުގުޅޭތީ ދިރިއުޅުމުގެ ހާލަތު ބެލިފައި ނުވާ ކަމަށް ފްލެޓުތަކުގެކޮމެޓީން ބުނެފިއެވެ.
އެ ކޮމިޓީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ފޯމުތަކުގައި ހުރި ބައެއް ނަމްބަރު ތަކަށް ގުޅާއިރު ފޯނަށް ނުގުޅޭ މައްސަލަ ދިމާވާ ކަމަށް ފްލެޓް ކޮމިޓީއިން ބުންޏެވެ.
ނުގުޅިގެން އެ ކޮމެޓީން ވަނީ ފަސް ކެޓަގަރީއެއްގެ އިއުލާންކޮށްފައެވެ. އެއީ އެޗް13، އެޗް12، އެޗް5، އެޗް4 އަދި އެޗް15 ކެޓަގަރީގެ ފްލެޓްތަކަށް ކުރިމަތިލީ 48 މީހަކެވެ.
ފަރާތްތަކުން 2020 ފެބުރުއަރީ 11 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން 7761108 މި ނަމްބަރާ ގުޅުއްވުމަށް ވަނީ އެދިފައެވެ.
ހިޔާ މަޝްރޫޢުގެ ފްލެޓްތައް މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ދެއްވާފައެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުއްވާދެއްވާ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުންކަން ފާހަގަކުރައްވާފައެވެ. މި މައްސަލައަށް ހައްލު ހޯދައިދީ ދެފުށް ފެންނަ އިންސާފުވެރި ނިޒާމަކުން ރައްޔިތުން ގެދޮރުވެރިކޮށްދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.
ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، ވިހި ހާހަށްވުރެ ގިނަ ޢާއިލާ، ހަމައެކަނި މާލެ ސަރަޙައްދުގައި ވެސް އެބަތިބިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ 17189 ފޯމެއް މިހާތަނަށް ސްކްރީންކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމުގެ މަސައްކަތް ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 5 ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ޙައްޤުވާ މީހުންގެ ލިސްޓް ޢިއުލާންކުރުމަށް ތައްޔާރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
"ހިޔާ މަޝްރޫޢުގެ 17189 ފޯމެއް މިހާތަނަށް ސްކްރީންކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން. މިހާތަނަށް މުޅި ޖުމްލަ، 5 ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ޙައްޤުވާ މީހުންގެ ލިސްޓްތައް ޢިއުލާންކުރުމަށް ވަނީ ތައްޔާރުވެފައި. ހިޔާ މަޝްރޫއުގެ 7000 ފްލެޓް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރެވޭނެ." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.
ހިޔާ މަޝްރޫޢުގެ އިތުރުން މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް މި ސަރުކާރުން ނިންމި ފުރަތަމަ 4000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށްވެސް، އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތް ގޮތަށް، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވާދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.