Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މާލެއަށް އެހާ ގިނަ އުޅަނދު ބޭނުންވަނީ ކީއްވެގެން ކަމެއް ނުވިސްނޭ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

މާލެސިޓީއަށް އެހާ ގިނަ އަދަދެއްގެ އެއްގަމު ދަތުރު ފަތުރުކުރާ އުޅަނދު ފަހަރު ބޭނުންވާ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެއްގަމު ދަތުރުފަތުރުގެ ބިލަށް ބަހުސް ކުރުމަށް ހުޅުވާލުމުގެ ކުރިން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މާލޭގައި އެއްތަނުން އަނެއް ތަނަށް ދިއުމަށް އެހާ ގިނަ ކާރު ބޭނުންވަނީ ކީއްވެގެން ކަމެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މާލޭގައި ހިނގާފައި އެއްތަނުން އަނެއް ތަނަށް ނުދެވެންވީ ކީއްވެގެން ކަމެއްވެސް ނުވިސްނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ހަމައެކަނި ސަބަބެއް ކަމަށް އަޅުގަނޑަށް ފެންނަނީ ފަހަރުގައި ވެދާނެ ޕޭވްމަންޓްގައި ހިނގަން ފަސޭހަ ނުވާތީ ކަމަށް. އެވެސް ދެން ސަބަބެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ހިނގާފައި އުޅުމަކީ މާލޭގައި ނުރައްކާތެރި ކަމެއް ކަމަށް ބުނާ އަޑު އަހާ ކަމަށެވެ. އެގޮތުން އިމާރާތްތަކުގެ މަތިން އެއްޗެހި ވެއްޓޭ ވާހަކައަކީ އަޑު އަހާ ވާހަކައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ހުދު އެމަނިކުފާނަކީވެސް ހިންގަވާފައި އުޅޭ ބޭފުޅެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް އެމަނިކުފާނަށް ކުރިމަތިވެވަޑައި ނުގަންނަވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ މާލޭގެ މަގުތަކުގެ ކާރޫބާރޫ ބޮޑުވުމުގެ މައްސަލައަށް ހައްލު ގެނެވޭނީ ގިނަބަޔަކު ފައިމަގުގައި ނުވަތަ ބައިސްކަލުގައި އުޅެން ފެށުމުން ކަމަށެވެ.

މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދެނީ އެ އުޅަނދެއް ބާއްވާނެ ތަނެއް ދެއްކުމުން ކަމަށް ވާއިރު، ގަވާއިދާ އެއްގޮތަށް އަމަލު ކުރާނަމަ، އެތަކެތިމަގުތައް މަތީގައި ހުންނަން ނުޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.