Last Updated: July 1, 00:12
Tuesday, June 30, 2026
ސިޔާސީ

"އަޅުގަނޑު މިހުރީ ދެ ހެޓް އަޅައިގެން"

އަޅުގަނޑު މިހުރީ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާގެ މަގާމުގައި އާއި އަދި ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް ވުމުން، ގާނޫނު އަސާސީން ރައީސުލް ޖުމްހުރިއްޔާއަކަށް ލިބިވަޑައިގަންނަވާ ހުރިހާ އިނާޔަތް ތަކެއް ބޭނުން ކުރެއްވޭނެ ކަމަށާއި، އަޅުގަނޑު މިހިރީ އެއްފަހަރާ "ދެ ހެޓް" އަޅުއްވައިގެން ކަމަށް ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ ވެ.

ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ރޭ ބެއްވި "ގައުމައިގެން ކުރިއަށް" ކެމްޕެއިން ޖަލްސާ، ނިންމަވާލެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ދައުލަތުގެ މުދަލާއި ތަކެތި އެ މަނިކުފާންގެ އަމިއްލަ ކެމްޕެއިންގައި ބޭނުން ކުރައްވަމުން ގެންދެވުމާއި ގުޅޭ ގޮތުން "އައްޑޫ ލައިވް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. ވަހީދު ހަސަން މަނިކު ވިދާޅުވީ ގާނޫނު އަސާސީން ރައީސުލް ޖުމްހުރިއްޔާއަކަށް ލިބިލައްވާ އިނާޔަތުތައް އެމަނިކުފާނަށް ބަރާބަރަށް ލިބޭނެކަމަށެވެ. އަދި އެއްވެސް ވަގުތަކަށް އެހިދްމަތުން މަގާމުގައި ހުންނެވި ހާ ހިދަކު މަހްރޫމް ނުވާނެ ކަމަށެވެ.

"އަޅުގަނޑަކީ މީ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ، ރައީސުލް ޖުމްހުރިއްޔާއަކަށް ލިބެންޖެހޭ ސެކިއުރިޓީ އާއި ޓްރާންސްޕޯޓް އަދި އެހެނިހެން ކަންކަން ދައުލަތުން ފޯރު ކޮށްދޭނެ. އަޅުގަނޑު މި އަންނަނީ ދެ ހެޓް އަޅުއްވައިގެން. ތިބޭފުޅުން ބައްލަވާ ގާނޫނު އަސާސީ." ރައީސް ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އެމެރިކާފަދަ ގައުމުތަކުގައި ވެސް އެގައުމެއްގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ކެމްޕެއިން އަށް ކުރައްވާ ދަތުރު ކުރައްވަނީ ދައުލަތުން ކަމަށެވެ.

"އަޅުގަނޑު މިކުރާ ދަތުރު ތަކުގައި އަޅުގަނޑާއި އެކު ސަރުކާރުގެ ރަސްމީ އޮފިޝަލުން އެބަ ވަޑައިގަންނަވާ. އަޅުގަނޑާއި ރައްޔިތުން އެބަ ސުވާލު ކުރޭ ރައިސުލް ޖުމްހުރިއްޔާގެ ހައިސިއްޔަތުން ކަންކަމާއި ގުޅޭ ގޮތުން، އެހެންވެ އެބޭފުޅުން އެބަ ތިއްބަވާ އަރިހުގައި. އެހެންވީމާ އެއީ އެއްވެސް މައްސަލައެއްކަމަށް އަޅުގަނޑު ނުދެކެން." ރައީސް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް ޑރ. ވަޙިދު ބޭނުން ކުރެއްވީ ދައުލަތުގެ ވެހިކަލެކެވެ. އަދި އެންމެ ފަހުން ވަހީދު އަދާލަތާއި، ގައުމީ ޕާޓީ އާއި އެކު ކުރެއްވި ދަތުރުފުޅުގައި ދައުލަތުގެ ވެހިކަލް ބޭނުން ނުކުރައްވާ ބޭނުން ކުރެއްވީ ހުރިހާ ބޭފުޅުން އެކުގައި ދަތުރު ކުރެއްވުމަށް ކުއްޔަށް ނެންގެވި ބަހެކެވެ.

ދައުލަތުގެ މުދަލާއި ތަކެތި ރައީސުލް ޖުމްހުރިއްޔާއަކަށް ހުންނަވާ ބޭފުޅަކު އަމިއްލަ ބޭނުންތަކަށް ބޭނުން ކުރުމާއި ގުޅޭ ގޮތުން އޭސީސީން ވެސް ވަނީ ވާހަކަ ދައްކާފަ އެވެ.
އަދި އެކަމާ ގުޅޭގޮ ތުން ކޮންމެ ފަހަރަކު ވެސް ސަރުކާރުން ދައްކަވާ ވާހަަކަފުޅަކީ އެއީ ރައީސުލްޖުމްހުރިއްޔާ ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ.