Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފެއިލްވީ ޝިދާތާ އެކަންޏެއް ނޫން، މުޅި ދައުލަތް: އިދިކޮޅު

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވުމުގެ ނަމޫނާއެއް ދައްކާ ކަމަށްބުނެ އާއްމު އެތަކެއް ރައްޔިތުންގެ އިތުބާރު ލިބިފައިވާ އަހުމަދު ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރާކަން އެނގޭއިރު ވެސް އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން މައްސަލައިގައި ފެއިލްވީ ހަމައެކަނި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ނޫން ކަމަށާއި އެއީ މުޅި ދައުލަތުގެ ފެއިލިއާ އެއް ކަމަށް ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެންބަރުން ވިދާޅުވެއްޖެއެވެ. 

ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވާ އިދިކޮޅު މެންބަރުން ވަނީ މި މައްސަލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން ޖެންޑާ މިނިސްޓަރު މަގާމުން ވަކިކުރުމަށް އެމްޑީޕީ މެންބަރުން ގޮވާލަން ފެށުމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ ހިތާނުވާ ވަޒީރަކަށް ރުހުން ދިނީވެސް މި މަޖިލިސް ތެރެއިން ކަމަށެވެ.

އޭނާ ވިދާޅުވީ މިފަދަ ބޮޑެތި މައްސަލަތައް ހިނގަމުންދާއިރު ދައުލަތުގެ އެހެން މުއައްސަސާތަކުން އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ މައްސަލަތަކުގައި އިހުމާލު ވާނީ ކުއްޖެއްގެ ހައްގުތައް ރައްކާތެރި ކުރުމާ ގުޅުން ހުރި ހުރިހާ މުއައްސަސާއެއް ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައަކީ އަބަދުވެސް ރާއްޖޭގައި އޮންނަ މައްސަލައެއް ކަމަށާއި އެހެންނަމަވެސް އެފަދަ މައްސަލަތައް އިންތިހާއަށް ގިނަވެފައި މިވަނީ ދައުލަތުގެ މުއައްސަސާތަކުން ފިޔަވަޅުތައް ނާޅާ އޮތުމުން ކަމަށެވެ. 

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ޒިންމާ ނަންގަވަން ޖެހޭނެ ކަމަށެވެ. އޭނާ ވެސް ވަނީ ހިތާނުވާ ވަޒީރަކަށް ރުހުން ދިނީ އެމްޑީޕީގެ މެންބަރުން ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރައްވާ އެމްޑީޕީގެ މެންބަރުން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ޝިދާތާގެ ފަރާތުން ފެންނަނީ ކަމަކަށް ފަހު ކަމަކުން ފެއިލް ވަމުން އަންނަތަން ކަމަށެވެ. އަދި ވަގުތުން އިސްތިއުފާ ދިނުމަށް އީވާ ވިދާޅުވިއެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަޠީފު ވިދާޅުވީ އެމްޑީޕީއިން ވަކާލާތު ކުރީ އޯގާތެރި ސަރުކާރަކަށް ކަމަށާއި ނަމަވެސް މިއަދު މި ފެންނަނީ އެ ގޮތް ނޫން ކަމަށެވެ. އަދި މިއީ އެމްޑީޕީގެ މެމްބަރުންނަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އެހެންވެ ވަގުތުން މިނިސްޓަރ އިސްތިއުފާ ދެއްވުމަށް ހަސަން ލަޠީފު ވިދާޅުވިއެވެ. ހަސަން ލަޠީފު ވިދާޅުވީ އިސްތިއުފާ ނުދެއްވައިފިނަމަ މަގާމުން ވަކި ކުރުމުގެ މަސައްކަތް މިއަދުން މިއަދަށް މަޖްލިސްއިން ފަށަން ޖެހޭނެކަމަށް ގަބޫލް ކުރައްވާކަމަށެވެ.