Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ގާނޫނުއަސާސީ އަމިއްލަ މިލްކަކަށް ހަދައިގެން

ކުރީގެ ރައީސް މައުމޫން -- ފޮޓޯ / ސަން

ދެހާސް އަށާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ރާއްޖެއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނިންމީ ގާނޫނުއަސާސީއަކީ ތިމާގެ އަމިއްލަ މިލްކަކަށް ހަދައިގެން ކަމަށް ބުނެ އެމްއާރްއެމްއިން ކުރީގެ ސަރުކާރުގައި އެކަން ކުރި ފަރާތްތަކަށް ފާޑު ކިޔައިފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު އެންމެ ފުރަމަ ހައްޔަރު ކުރީ ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އޭގެފަހުން އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ހައްޔަރުކުރިއެވެ. އަދި ހަމަ އެ ހާލަތުގައި އެތަކެއް ސިޔާސީ ފަރާތްތަކެއް ހައްޔަރުކޮށް ޖަލަށްލިއެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުވެސް ހައްޔަރުކޮށްފައި ވަނީ މި ހާލަތުގެ ދަށުންނެވެ.

ކުއްލި ނުރައްކަލަށް ދެ އަހަރު ފުރިފައިވާއިރު އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ، ރާއްޖޭގެ ގާނޫނު އަސާސީގެ އުސޫލުތަކާ ހިލާފަށް އަދި ގާނޫނު އަސާސީން ލިބިދޭ ހައްގުތައްވެސް ނަގާލައި އަދުލްއިންސާފުގެ ނިޒާމް ފުނޑުފުނޑު ކޮށްލާފައި ކަމަށެވެ. އެދުވަހު ގާނޫނު އަސާސީ ވަކި މީހެއްގެ މިލްކަކަށް ހަދައި، ގާނޫނުގެ ބާރު ކަނޑުވާލައި ދިވެހިރާއްޖޭގައި ހިންގާފައިވަނީ ބޮޑު ޖަރީމާއެއްކަން އެދުވަހުވެސް ދިވެހި ރައްޔިތުން ގަބޫލު ކުރި ކަމަށް އެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. 

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ ދެ އަހަރު ފުރޭއިރު، މުޅި ދިވެހި ގައުމަށް ހާމަވެގެން ގޮސްފައިމިވަނީ އެ ހާލަތުގެ ދަށުން ބަންދުކުރެވުނު ބޭފުޅުންގެ އިސްތަށި ފުޅުގައި އަޅުވަމުންދިޔަ އިލްޒާމްތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު އިލްޒާމް ތަކެއްކަން އެމްއާރްއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެއީ ވަކިބައެއްގެ ނުވަތަ ވަކިބައެއްގެ ފައިދާއަށްޓަކައި ގާނޫނުތަކާ ހިލާފަށް ބާރުގެ ބޭނުންކޮށްގެން ކޮށްފައިވާ ގައިރު ގާނޫނީ މަސައްކަތެއް އެމްއާރްއެމްގެ ބަޔާނުގައިވެއެވެ. 

އެ ދުވަހު ގާނޫނުއަސާސީއަށް ފައިންއަރާ، ގާނޫނު އަސާސީ އާއި ހިލާފަށް އެ އަނިޔާވެރި އަމަލު ހިންގި ދައުލަތުގެ އިސް މަގާމު ތަކުގައިތިބި މީހުންގެ މައްސަލަ ބަލައިދީ އިންސާފުވެރި ފިޔަވަޅުތަކެއް އަޅައި ދިނުމަށް އެމްއާރްއެމްއިން ވަނީ ކަމާ ގުޅުންހުރި މުއައްސަސާ ތަކަށް ގޮވާލާފައެވެ. އެހެންނޫނީ ކުރިޔަށް އޮތްތާނގައިވެސް ރައްޔިތުންގެ ވޯޓުން ބާރުދީފައި ތިބޭ ވެރިން މިބާވަތުގެ އަނިޔާވެރި ގައިރު ގާނޫނީ ކަންތައްތައް ކުރުމަކަށް ޖެހިލުމެއް ނުވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.