ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މަގާމުގައި އިތުރަށް ބަހައްޓަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ނިންމައިފިއެވެ.
އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މިގޮތަށް ނިންމީ ނިންމީ މިއަދު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމެއްގައެވެ. އެމްޑީޕީއިން ބުނީ މިއަދު ޕީޖީ ބައްދަލުވުމުގައި ބައިވެރިވި 45 މެމްބަރުންގެ އިއްތިފާގުން ޝިދާތާ މަގާމުން ވަކިކުރަން ފާސްކޮށްފައިވާ ކަމަށެވެ.
ޝިދާތާ މަގާމުން ވަކިކުރަން ފާސްކޮށްފައި މިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ އަހުމަދު ހިޝާންއަށް އެ ތުހުމަތުތައް ކުރެވޭއިރު އެމްބެސަޑަރުކަން ދިން މައްސަލާގައި އިހުމާލުވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.
ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
ކުއްލި މައްސަލައަށް ބަހުސް ކުރައްވާ އެމްޑީޕީގެ މެންބަރުން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ޝިދާތާގެ ފަރާތުން ފެންނަނީ ކަމަކަށް ފަހު ކަމަކުން ފެއިލް ވަމުން އަންނަތަން ކަމަށެވެ. އަދި ވަގުތުން އިސްތިއުފާ ދިނުމަށް އީވާ ވިދާޅުވިއެވެ.
މި މައްސަލައަށް ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަޠީފު ވިދާޅުވީ އެމްޑީޕީއިން ވަކާލާތު ކުރީ އޯގާތެރި ސަރުކާރަކަށް ކަމަށާއި ނަމަވެސް މިއަދު މި ފެންނަނީ އެ ގޮތް ނޫން ކަމަށެވެ. އަދި މިއީ އެމްޑީޕީގެ މެމްބަރުންނަށް ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އެހެންވެ ވަގުތުން މިނިސްޓަރ އިސްތިއުފާ ދެއްވުމަށް ހަސަން ލަޠީފު ވިދާޅުވިއެވެ. ހަސަން ލަޠީފު ވިދާޅުވީ އިސްތިއުފާ ނުދެއްވައިފިނަމަ މަގާމުން ވަކި ކުރުމުގެ މަސައްކަތް މިއަދުން މިއަދަށް މަޖްލިސްއިން ފަށަން ޖެހޭނެކަމަށް ގަބޫލް ކުރައްވާކަމަށެވެ.