ނޫމަޑިއަށް ސަރުކާރުން އެހާ ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލާގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅައި ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިގޮތަށް މަޖިލީހުން ފާސްކުރީ މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މަޖިލީހުން މިގޮތަށް ފާސްކުރިއިރު ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ވަނީ އެދިފައެވެ.
ނޫމަޑި މައްސަލާގައި ދޮގު މައުލޫމާތު ދެއްވި މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަން ޕޮލިހުގައި ބަންޑާރަ ނާއިބު އެދުނުއިރު ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުފުންޏަށް ބަދަލު ދޭން ނިންމި މައްސަލައިގައި އިހުމާލުވާ މީހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ވެސް ވަނީ ފާސްކޮށްފައެވެ. އަދި ކޮމެޓީއަށް މުއިއްޒު ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނާ މައްސަލަވެސް ޕޮލިހަށް ހުށަހަޅަން ކޮމެޓީން ވަނީ ނިންމާފައެވެ.
ނޫމަޑި ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި މައްސަލައިގެ އާބިޓްރޭޝަނަށް ބަޔާން ދިނީ، އެ މައްސަލައިގައި ކުރިން ދީފައިވާ ބަޔާންތަކެއްގައި މުއިއްޒާއި މެދު ދައްކާވައިފާ ދޮގު ވާހަކަތަކެއްގެ ހަގީގަތް ހާމަކޮށްދިނުމަށް ކަމަށް މުއިއްޒު ވަނީ މާލިއްޔަތު ކޮމެޓީގައި ވިދާޅުވެފައެވެ. އެހެންނަމަވެސް ބަޔާން ހަވާލުކުރީ ކާކުގެ އަތަށްކަމެއް އޭނާއަށް ނޭނގޭ ކަމަށްވެސް ކޮމެޓީގައި އޭނާ ވަނީ ވިދާޅުވެފައެވެ.