Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް: ހުވަފެނެއް ހަގީގަތަކަށް ބަދަލުވުން

ސިނަމާލެ ބްރިޖު - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ސިނެމާލެ ބްރިޖާ ބެހޭ ގޮތުން ރާއްޖޭގެ ތިން ބޭފުޅަކު ލިއުއްވައި ތައްޔާރުކުރެއްވި "ޗައިނާ-މޯލްޑިވްސް ފްރެންޑް ޝިޕް ބްރިޖު، ހުވަފެނަކުން ހަގީގަތަކަށް" ފޮތް ނެރެފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވީ ޗައިނާ އެމްބަސީގެ ކައުންސެލަރ ޔޫ ސުވެ ޔަންގ އެވެ.

ފޮތް ނެރުމުގެ ރަސްމިއްޔާތު ހުށަހެޅުއްވި ޓީވީއެމްގެ ޗީފް ކޮންޓެންޓް އޮފިސަރ އިބްރާހީމް ރަޝީދު ވިދާޅުވީ ބްރިޖު ބްރިޖަކަށް ވީގޮތް ފޮތުގައި ބަޔާންކޮށްފައި ވާކަމުގައެވެ.

މި ފޮތް ލިޔެ ޗާޕުކޮށް ނެރެފައި ވަނީ ތިން ބޭފުޅަކު ގުޅިވަޑައިގެންނެވެ. އެއީ ޑރ. ޙަސަން ޙަމީދާއި އިސްމާޢީލް ޢަބްދުﷲ އާއި އަޙްމަދު ޝިޔާމެވެ.

ފޮތުގެ އެއް މުޞައްނިފު އަޙުމަދު ޝިޔާމު ވިދާޅުވިގޮތުގައި ފޮތަށް ބޭނުންވާ މައުލޫމާތާއި ފޮޓޯ ހޯދުމުގައި ހުރަސްތަކެއް ދިމާވިކަމަށެވެ.

"އަޅުގަނޑުމެންގެ ޢަޒުމަކަށްވީ މަސައްކަތްކޮށްގެން މައުލޫމާތާއި ފޮޓޯ ހޯދައިގެން ފޮތްނެރުން." ޝިޔާމް ވިދާޅުވިއެވެ. "އަޅުގަނޑުމެންނަށް ޗައިނާ އެމްބަސީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު."

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް، ހުވަފެނަކުން ހަގީގަތަކަށް" މި ފޮތަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެޅުއްވި ބްރިޖާ ގުޅޭ ގޮތުން ލިއެވުނު އެންމެ ފުރަތަމަ ފޮތެވެ. އަދި އެއީ އެއްކުރެވިފައިވާ ވަރަށް ރަނގަޅު ޑޮކިއުމެންޓެކެވެ.

"މިއީ ވަރަށް ތާރީޚީ އަދި މުހިއްމު މަސައްކަތެއް. އެހެން ބޭފުޅުން ވެސް ބްރިޖާގުޅޭ ފޮތްތައް ހަމަ ލިއުއްވަންވީ." ޝިޔާމް ވިދާޅުވިއެވެ.

ފޮތް ނެރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޮގަރު އިބްރާހީމް ވަޙީދު ވިދާޅުވީ ބުރިޖު ފޮތަކީ ކޮފީ މޭޒުމަތީގައި ބާއްވަންޖެހޭ ފޮތެއް ނޫންކަމަށެވެ.

"މި ފޮތް އެބަޖެހޭ ކުތުބުޚާނާތަކަށާއި ސްކޫލްތަކަށް ވެސް ވައްދަަން." އޭނާ ވިދާޅުވިއެވެ. "ޓެކްސް ފޮތެއްގެ ގޮތުގައި ކިޔަވައިދޭން ވެސް ރަނގަޅު ފޮތެއް މީ."

ވަޙީދު ވިދާޅުވިގޮތުގައި ބުރިޖު ފޮތުގައި ކާފަ ދަރިންނަށާއި މުނިކާފަ ދަރީންނަށް ކިޔައިދޭނޭ ވާހަކަތައް ވެސް އެބަހުއްޓެވެ.

"އަޅުގަނޑު ދަންނަވާނީ ފޮތް ކިއުއްވާށޭ!" ވަޙީދު ވިދާޅުވިއެވެ.

ބްރިޖު ފޮތުގައި ވަރަށް ރީތި ފޮޓޯތަކާއި ވަރަށް މުހިއްމު މައުލޫމާތު ހިމެނެއެވެ. ފޮތް ޗާޕުކޮށްފައި ވަނީ ސިންގަޕޫރުންނެވެ. ފޮތެއްގެ އަގަކީ 300ރ އެވެ. ފޮތް ލިއެފައި ވަނީ ދިވެހިބަހުންނާއި އިނގިރޭސިބަހުންނެވެ.

ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ކުރެވުނު އެންމެ އަގުބޮޑު އަދި އެންމެ ލާމަސީލު ޚިދުމަތެއްކަމުގައި ގިނަބަޔަކު ގަބޫލުކުރާ ސިނެމާލެ ބްރިޖު ރައީސް ޔާމީނާއި ޗައިނާގެ ރައީސްގެ ޚާއްޞަ މަންދޫބު ޗައިނާގެ އިންޓަރނޭޝަނަލް ކޯޕަރޭޝަންގެ ޗެއާރމަން ޝިއާއޮތާއޮ ހުޅުއްވައިދެއްވީ 30 އޮގަސްޓް 2018 ގައެވެ.