ކްރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދައުވާ ލިބޭ ފަރާތުން މައްސަލައަށް އިއުތިރާފުވާ ނަމަ އެ ހާލަތުގައި އެފަދަ މައްސަލަތައް ފަސް ދުވަހުގެ ތެރޭގައި ނިންމުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް ނިންމާފައި އެކޯޓުން މެދުނުކެނޑި ޝަރީއަތް ކުރިޔަށް ގެންދިއުމަށް ގާޒީންގެ މަޖިލީހުން ނިންމާފައިވާތީއެވެ. މިކަމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތެވެ. މިކަމަކީ މިހާރުވެސް ކްރިމިނަލް ކޯޓުން ކުރިޔަށް ގެންދާ ގޮތެކެވެ.
ނަމަވެސް އެކޯޓުން ބޭނުންވަނީ އަދިވެސް އިތުރަށް އަވަސް ކުރުމަށެވެ. އަދި އެގޮތަށް މައްސަލަތައް އަވަސްކޮށް ނިންމުމަކީ ދައުވާ ލިބޭ ފަރާތާއި ދައުވާ ކުރާ ފަރާތާއި އަދި މުޅި މުޖުތަމައުއަށް އެކަމުގެ ފައިދާ ލިބޭ ކަމެއްކަމުގައި ގަބޫލުކުރެވޭ ކަމަށް އެކޯޓުން ބުނެއެވެ. އެކޯޓުން ބުނީ ދައުވާ ކުރާ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތުން ދައުވާއަށް އިއުތިރާފުވާ ނަމަ ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި އެ މައްސަލައަކަށް ހުކުމް ކުރުމަށް ނިންމާފައެވެ.
ކްރިމިނަލް ކޯޓުން ބުނީ އިންކާރު ކުރާ މައްސަލަތަކުގައި ދެފަރާތުން ހުށަހަޅާ ހެކިންގެ ހެކިބަސް އެއް ދުވަހެއްގެ ތެރޭގައި ނަގާ ނިންމުމަށްވެސް އެކޯޓުގެ ގާޒީންގެ މަޖިލީހުން ވަނީ ނިންމާފައިވާ ކަމަށެވެ. ހެނދުނު ނަގަން ފަށާ ހެކިބަސް މެންދުރާއި ހަމައަށް ދާއިރުވެސް ނުނިމިއްޖެ ނަމަ ކުޑަވަގުތު ކޮޅަކަށް ޝަރީއަތް މެދުކަނޑާލާނެ ކަމަށާއި މެދުކަނޑާލުމަށްފަހު އަނެއްކާވެސް ހެކިބަސް ނެގުން ކުރިޔަށް ގެންދިއުމަށް އެކޯޓުން ވަނީ ނިންމާފައެވެ. އަދި ރަސްމީ ގަޑި ނިމުނުއިރުވެސް ހެކިބަސް ނަގާ ނުނިމިއްޖެ ނަމަ އަނެއް ދުވަހުގެ ހެނދުނު ހެކިބަސް ނެގުމަށް އެކޯޓުން ވަނީ ނިންމާފައެވެ. އަދި ދެފަރާތުގެ އެއްވެސް އިއުތިރާޒެއް ނެތް ނަމަ ހުލާސާ ބަޔާންވެސް ހަމަ އެދުވަހު ހުށަހެޅިގެންދާނެއެވެ. އެކޯޓުން ބުނީ އަޑުއެހުން ނިމުނުތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރެވިގެން ދާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން ބުނީ މައްސަލަތައް ތާވަލު ކުރުމުގެ ކުރިން ދައުވާ ލިބޭ ފަރާތާއި ދައުވާ ކުރާ ފަރާތާއި މަޝްވަރާ ކުރާނެ ކަމަށެވެ. އަަދި އެކަމުގެ ސަބަބުން ޝަރީއަތުގެ އަޑުއެހުންތައް ބޭއްވޭނެ ދުވަސްތަކާއި އަޑުއެހުންތައް ކުރިޔަށް ގެންދަން ގަސްތުކުރާ ކަންކަން ދެ ހަސްމުންނަށް އެނގި ކަށަވަރު ވެގެންދާނެ ކަމަށް ވެސް އެކޯޓުން ބުންޏެވެ.