Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ކަފާލާތުގެ ދަށުން ޔާމީން މިނިވަނެއް ނުކޮށްދިން

ޔާމީން ދޫނިދޫ އަށް މީގެކުރިން ގެންދެވުން - ފޮޓޯ: މިހާރު

މަނީ ލޯންޑްރިންގްގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

މިއަދު ބޭއްވި އިސްތިއުނާފު ޝަރީއަތުގެ ދެވަނަ އަޑުއެހުން ފައްޓަވައި ދެއްވާ ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވިދާޅުވީ ހުކުމް ކުރުމުގެ ކުރިން މީހަކަށް ކަފާލާތް ދިނުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގައި އޮތް ކަމެއް ކަމަށެވެ

އަދި ހުކުމެއް ކޮށްފައިވާ މީހަކަށް ކަފާލާތު ދެވޭނެ ކަމަށް ހައިކޯޓުން މީގެ ކުރިން ނިންމާފައި ހުރި ނިންމުންތަކުން އެނގޭ ކަމަށް ވެސް އެމަނިކުފާނުގެ ވަކީލުން ވަނީ ހައިކޯޓުގައި ފާހަގަކުރައްވައިފައެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނުގެ އިތުރުން ގާސިމް އިބްރާހީމެވެ.

މިއަދު އޮތް އަޑުއެހުމުގައި ހައިކޯޓުގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ޔާމީން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށެވެ. ޔާމީނަށް ކަފާލާތު ނުދޭން ތިން ފަނޑިޔާރުން އިއްތިފާގުވެވަޑައިގެންނެވި ނަމަވެސް، ތިން ފަނޑިޔާރުންގެ ރައުޔު ތަފާތެވެ.

ތިން ފަނޑިޔާރުން ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި "ޕޯސްޓް ކޮންވިކްޝަން ބެއިލް" ގެ ގާނޫނުތައް ހެދިފައިވާ ކަމަށާއި ރާއްޖޭގައި އެފަދަ ގާނޫނެއް ހެދިފައި ނެތް ކަމަށެވެ. އަދި ގާނޫނު ހެދުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެން ނުވާ ކަމަށެވެ.

ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވީ ގާނޫނަކުން ޖަލަށް ލާފައިވާ މީހަކު ދޫކުރެވޭނީ ވެސް ގާނޫނަކުން ކަމަށާއި، ގަވާއިދެއްގެ ދަށުން އެކަން ނުކުރެވޭނެ ކަމަށެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ ހައިކޯޓުގެ ގަވާއިދަކީ ގާނޫނީ ގޮތުން ސައްހަ ގަވާއިދެއް ކަމަށެވެ. އަދި އެ ގަވާއިދުގެ ދަށުން ކުށްވެރިންނަށް ވެސް ކަފާލާތު ދެވިދާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތުން ކޯޓަށް ހުށަހެޅުއްވި ނުކުތާތަކާއި ވަށައިގެންވާ ކަންތައްތަކަށް ބަލާއިރު، ރައީސް ޔާމީނަށް ކަފާލާތު ދޭން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.