ސީޕްލޭން ޓާމިނަލަށް ޖާގަ ދީފައިވާ މިންވަރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަނޑައަޅާފައި ވަނީ އިންސާފުވެރިކޮށް ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
އެމްއޭސީއެލްގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ސީޕްލޭން ޓާމިނަލް ޕްރޮޖެކްޓު ހިންގަން އެ ކުންފުނިން ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ އަލަށް އެޅި ރަންވޭ ސަރަހައްދުގައި މިހާރު ހުރި ސީޕްލޭން އޮޕަރޭޓަރުގެ ފެސިލިޓީ ރީލޮކޭޓު ކުރަން ޖެހުމުން ކަމަށެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ސީޕްލޭން ފެސިލިޓީ ދޫކޮށް އާ ސީޕްލޭން ޓާމިނަލަށް ބަދަލުވުމަކީ އެފަރާތުން އިތުރު ހަރަދެއް ކުރަންޖެހިފައިވާ ކަމަކަށްވާއިރު ރީލޮކޭޓު ކުރެވޭ ފަރާތުން މިހާރުގެ ލައުންޖު ހިންގުމަށް ދޫކޮށް އަދި އޮފީސް ހިންގުމާއި އެހެނިހެން އޮޕަރޭޝަންތަކަށް އައު ސީޕްލޭން ޓާމިނަލް ދިނުމަށް ކަނޑައަޅާފައވާ ޖާގަ ދިނުމަކީ އިންސާފުވެރި ގޮތެއް ކަމުގައި އޮޑިޓާ ޖެނެރަލް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެ އޮޕަރޭޓަރަށް ޖާގަ ދޫކުރުމަށްފަހު ބާކީ ހުރި ޖާގައިން ލައުންޖު ހިންގުމަށް ވާދަވެރި އަގެއްގައި އަދި އެހެނިހެން ހިދުމަތްތަކަށް އެމްއޭސީއެލްއިން އާއްމުކޮށް ދޫކުރާ ރޭޓުތަކުގައި ޖާގަ ދޫކުރުމުން އަހަރަކަށް 33.7 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެމްއޭސީއެލްއަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.
އެ ރިޕޯޓުގައި ބުނެފައވަނީ މިހާރު މަޝްވަރާކޮށްފައވާ ރޭޓުތަކަށް މުޅި ސީޕްލޭން ޓާމިނަލް އޮޕަރޭޓަރުންނަށް ކުއްޔަށް ދޫކޮށްފިނަމަ ކުރިޔަށް އޮތް އެއް އަހަރުގެ ތެރޭގައި އެމްއޭސީއެލްއަށް ލަފާ ކުރެވެނީ ގާތްގަނޑަކަށް 5.7 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް އެއީ ކުރިން ފާހަގަކޮށްފައިވާ އަގަށްވުރެ 28 މިލިއަން ޑޮލަރު މަދު އަދަދެއް ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު އުސޫލުގައި އައު ސީޕްލޭން ޓާމިނަލް އިން، ޓީއެމްއޭއަށް ކުރިޔަށް އޮތް ދެ އަހަރަށް މިހާރުވެސް އެކުންފުނިން އެއަރޕޯޓުގައި ހިންގާ ސީޕްލޭން ޓާމިނަލާ އެއްވަރުގެ ޖާގައެއް ދޭން ނިންމާފައިވާކަމަށް ވަނީ މިހާރުގެ ޓީއެމްއޭގެ ސީޕްލޭން ޓާމިނަލް ދޫކޮށްފައިވާ އަގަށްކަމަށެވެ.
ޓީއެމްއޭއިން މިހާރު އެއަރޕޯޓުގައި ހިންގާ ސީޕްލޭން ޓާމިނަލަކީ ގާތްގަނޑަކަށް 5300 އަކަފޫޓުގެ ޖާގައިގެ ތަނެކެވެ. އަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ ސީޕްލޭން ޓާމިނަލަކީ 16،000 އަކަފޫޓު ގެ ބޮޑު ބިމެކެވެ. ސަރުކާރުން ޓީއެމްއޭއަށް އައު ޓާމިނަލުން ޖާގަ ދިނުމަށް ނިންމާފައިވަނީ އަކަ މީޓަރެއް 10.35 ޑޮލަރަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދެ އަހަރުގެ މުއްދަތަކަށްފަހު ސީ ޕްލޭން ޓާމިނަލްގެ ފުލް އޮޕަރޭޝަން އެމްއޭސީއެލްއިން ނަގާނެއެވެ. އަދި އެއަށްފަހު އެތަނުން ނަގަމުންދާ ކުލިތަކަށްވެސް ބަދަލު ގެންނާނެކަމަށް ފިނޭންސްއިން ވިދާޅުވެއެވެ.
ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން ސަރުކާރުން މި ނިންމުން ނިންމީ އެޓަނީ ޖެނެރަލްގެ ލަފާގެ މަތިންނެވެ. އަދި މި ނިންމުން މޯލްޑިވްސް އެއަރޕޯޓްސް ކުންފުނީގެ ބޯޑަށް އަންގާފައިވާނޭކަމަށްވެސް ފިނޭންސްއިން ބުނެއެވެ.