Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ޝިދާތާގެ ތަރި އޮއްސެން އަދި ކައިރިވެސް ނުވޭ: އިމްރާން

މިނިސްޓަރު ޝިދާތާ ޝަރީފް - ފޮޓޯ: ޖެންޑާ މިނިސްޓްރީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު މަގާމުން އިސްތިއުފާ ދެއްވިއިރު އެކަމަނާގެ ތަރި ސިޔާސީ މައިދާނުން އޮއްސެން ކައިރިވެސް ނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. 

ޝިދާތާއަށް ތައުރީފު ކުރައްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ  ޝިދާތާ ޝަރީފަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ކަނބަލެއް ކަމަށެވެ. އަދާލަތު ޕާޓީއާ ހުދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އެކަމަނާ ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ވެވަޑައިގެންފައިވާ ގުރުބާނީ މިންކުރެވޭ ވަރަށްވުރެ ބޮޑު ކަމަށާއި އެއީ ގެއްލިގެންދާނެ ކަމެއް ނޫން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. 

އިމްރާން ވިދާޅުވީ ޝިދާތާގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތްވެސް ނުވާ ކަމަށެވެ. އަދި ސިޔާސީ ހަރަކާތުގައި ޝިދާތާއަކީ އަދާލަތު ޕާޓީގެ އެއް މުގޫ ކަމަށް ވިދާޅުވި އެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޝިދާތާ އިސްތިއުފާ ދެއްވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީ އަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވިކަން ފަޅާއަރައި، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އުމުރުން 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނުދިނުމުން ވެސް އެ ޒުވާނާ ހިޝާންގެ ބެލުމުގެ ދަށުގައި ގެންގުޅުނު އިރު އެކަމުގައި އިހުމާލު ވެފައިވާކަން އެނގުނީ ހިޝާންގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.