Last Updated: June 13, 02:24
Friday, June 12, 2026
މުނިފޫހިފިލުވުން

ސުޝާންތަށް އަނެއްކާ ވެސް ބޮޑު ޕްރޮޖެކެޓެއް!

ފެބްރުއަރީ މަހުގެ 22 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ކައި ޕޯޗޭ" އިން ބޮލީވުޑަަށް ތައާރަފްވުމަށް ތައްޔާރުވަމުން އަންނަ ސުޝާންތު ސިންގް ރާޖްޕުޓް، މަޝްހޫރު ޑައިރެކްޓަރު އިމްތިއާޒް އަލީގެ ޕްރޮޑަކްޝަންއަކަށް ސޮއިކޮށްފައިވާ ކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެފި އެވެ.

"ރޮކް ސްޓާ" ފަދަ ފިލްްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ އިމްތިއާޒްގެ އަންހެނުން ޕްރިތީ ޕްރޮޑިއުސްކޮށް، ކޮރިއަގްރާފަރު ބޮސްކޯ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމަށް ކުރިން ހަމަޖައްސަން އޮތީ، އިމްތިއާޒްގެ "ޖަބް ވީ މެޓް" ގެ ބަތަލް ޝާހިދު ކަޕޫރު ކަމަށްވެ އެވެ.

އެހެން ނަމަވެސް އޭނާގެ ބަދަލުގައި، ސުޝާންތު ފިލްމްގެ ލީޑް ރޯލަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކޮރިއާގެ ހިޓް ފިލްމެެއް ކަމަށްވާ "މައި ގާލް ފްރެންޑް އިޒް އޭން އޭޖެންޓް"ގެ ރީމެކިންއެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމްގެ ސްކްރިޕްޓް ވެސް ތައްޔާރު ކުރަނީ ސުޝާންތު ސިކުނޑީގައި ބައިންދައިގެން ކަމަށް ވެސް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.

މީގެ ކުރިން ވެސް ޝާހިދު ސޮއި ކުރާނެ ކަމަށް ބެލެވުނު ދެ ފިލްމަކަށް ކުރިން ޓީވީ ސިލްސިލާތައް ކުޅެފައިފައިވާ ޒުވާން އެކްޓަރު ސުޝާންތު ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން އެއް ފިލްްމަކީ ޔާޝްރާޖް ފިލްމްސް އަށް މަނީޝް ޝަރްމާ ޑައިރެކްޓްކޮށްދޭ ތިން ވަނަ ފިލްމެވެ. އެ ފިލްމްގެ ބަތަލާއަކީ ޕަރިނީތީ ޗޯޕްޅާ އެވެ.
އަނެއް ފިލްމަކީ "3 އިޑިއަޓްސް" ގެ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ "ޕީކޭ" އެވެ. އެ ފިލްމްގައި ލީޑް ރޯލް ކުޅެނީ އާމިރް ހާނާއި އަނުޝްކާ ޝަރްމާ އެވެ.