ދެން ލިބޭ ވެރިކަމެއްގެ ދައުރެއްގައި 2،000 އަންހެނުންނަށް އަމާޒުކޮށް "ކަނބަލުންގެ ލޯން" ގެ ނަމުގައި ލުއި ލޯން ޕްރޮގްރާމެެއް ހިންގަވާނެ ކަމަށް "ގައުމައިގެން ކުރިއަަށް" ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރޭ ހިތަދޫ ޝަރަފުއްދީން ސްކޫލުގައި ބޭއްވި ކޯލިޝަންގެ "ހަމަހަމަކަމާއި ރައްކާތެރިކަމާއި ފާގަތިކަން: ހުރިހާ އަންހެނުންނަށް" ސިޔާސަތު ހާމަ ކުރަން ބޭއްވި ޖަލްސާގައި ރައީސް ވަނީ އަންހެނުން ބާރުވެރި ކުރުވަން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން އަންހެނުންނާއި ގައުމު ތަރައްގީކޮށް ކުރިއެރުވުމުގައި މުހިއްމު ދައުރެއް އަދާ ކުރާ އުފެއްދުންތެރި ބަޔަކަށް ހެދުމަށް މަަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ދެން އަންނަ ވެރިކަމުގެ ފުރަތަމަ އަހަރު އައްޔަންކުރައްވާ މަތީ މަގާމުތަކުގެ 30 ޕަސެންޓް އަންހެނުންނަށް ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުގެ މިރޭގެ ވައުދަކީ މަތީ މަގާމުތަކުގައި ގިނަ އަންހެން ބޭފުޅުން ބޭތިއްބުން. އިދާރަކުރެއްވިއްޔާ އަޅުގަނޑުގެ އަންނަ ދައުރުގެ ފުރަތަމަ އަހަރު އަޅުގަނޑު ގަސްތުކުރަން އަޅުގަނޑު އައްޔަންކުރާ މަގާމުތަކަށް 30 އިންސައްތަ އަންހެން ބޭފުޅުން އައްޔަން ކުރަން،" ރައީސް ވިދާޅުވި އެވެ. "އަދި އިރާދަކުރެއްވިއްޔާ ދައުރު ހަމަވާ އިރު އެ އަދަދު 50 އިންސައްތަ އަށް އިތުރު ކުރަން."
ރަށްރަށުގެ ތަރައްގީ އަށް ބުރަ އަދި ނަމޫނާ މަސައްކަތްތަކެއް ކުރާ އަންހެނުންގެ ކޮމިޓީތަކަށް އެލަވަންސެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަހީދު ވިދާޅުވީ ކޯލިޝަންގެ ސަރުކާރެއްގައި ގާނޫނީ ގޮތުން އެހީތެރިކަން ބޭނުންވާ އަންހެނުންނަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދީ، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އަންހެނުންނަށް އަނިޔާ ދޭ ފަރާތްތަކަށް ހައްގު އަދަބު ވެސް ދޭނެ ކަމަށެވެ.
އަދި އަނިޔާ ލިބޭ އަންހެނުންނާއި ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައި ދިނުމަށް ކޯލިޝަން ސަރުކާރުގައި އަންހެނުންގެ އިތުރު ހަތަރު ހިޔާ ވެސް އުފައްދަވާނެ ކަމަށްނ ވިދާޅުވި އެވެ.
ރައީސް އަދި ވިދާޅުވީ ސްކޫލްތަކުގެ މުގައްރަރަށް ގެނެވޭ ބަދަލުތަކުން އަންހެން ކުދިން ނިކަމެތިކޮށްލެވޭ ގޮތް ދިމާވަމުންދާ ކަމަށެވެ. އެހެންވެ އެކަމަށް އެކަށީގެންވާ ހައްލެއް ހޯދަން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއޭކޭޝަން (އެންއީސީ) ގައި ޖިންސީ ހަމަހަމަކަމަށް ވަކި ޑިވިޝަނެއް އުފައްދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ވަޒީފާ ބޭނުންވާ ކޮންމެ އަންހެން ކުއްޖަކަށް އެ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.