Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

"ހުޅުޖެހި މީހުން އަދިވެސް ތިބީ މަގުމަތީގައި"

8 ފެބްރުއަރީގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން.

ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫ އާއި ތިންދޫގެ ކޯޓުތަކާއި ޕޮލިސް ސްޓޭޝަން އަންދާލި މީހުންނަށް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށާއި އެ މީހުން އަދިވެސް ފެންނަނީ މަގުމަތިން ކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ އެވެ.

ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވި "ހަމަހަމަކަމާއި ރައްކާތެރިކަމާއި ފާގަތިކަން: ހުރިހާ އަންހެނުންނަށް" ސިޔާސަތު ހާމަކުރަން ބޭއްވި ޖަލްސާ އަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހުޅުޖެހި މީހުންގެ މައްޗަށް ދައުވާކޮށް، ޝަރުއީ ނިޒާމުގެ ތެރެއިން ހައްގު އަދަބު ނުލިބި ލަސްވަމުން ދިއުމަކީ ގައުމުގެ އަމާންކަމަށް ވެސް އޮތް ބިރެއް ކަމަށެވެ.

ރައީސް ވިދާޅުވީ ގައުމުގެ ހަމަޖެހުމާއި މަސްލަހަތު ހިފެހެއްޓުމަކީ އެމަނިކުފާންގެ އެކަނި ޒިންމާއެއް ނޫން ކަމަށެވެ.

އެމަނިކުފާން ވިދާޅުވީ ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ މުއައްސަސާތަކުގެ ސްޕީޑް ހުރީކީ އެކަންކަން ހައްލުކޮށްގެން ރިއާސީ އިންތިހާބަށް ދެވޭ ވަރަކަށް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ ފެބްރުއަރީ 8 ވަނަ ދުވަހު އަންދާލި ތަންތަން އަލުން ބިނާކުރުމަށް ބޭނުންވާ އެހީ ހޯދަމުން އަންނަކަމަށެވެ. ނަމަވެސް އިންތިހާބްގެ ކުރިން އެތަންތަން އިމާރާތް ކުރުމަށް ބޭނުންވާ ފައިސާ ލިބޭނެކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.

އައްޑު އާއި ތިނަދޫން ހުޅުޖެހި މައްސަލާގައި 80 މީހުންނަށް ވުރެ ގިނަމީހުންގެ މައްޗަށް ދައުވާ ކުރުމަށް ދައުލަތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މަޖްލިސް މެމްބަރުންނާއި ކައުންސިލަރުން ހިމެނެ އެވެ.