Last Updated: April 20, 08:46
Saturday, April 20, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ކޮރޯނާ ވައިރަސް: އިއްޔެ އެކަނިވެސް ޗައިނާ އިން 86 މަރު

ކޮރޯނާ ވައިރަސްގައި އިއްޔެ އެކަނިވެސް ޗައިނާ އިން 86 މީހުން މަރުވެއްޖެއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ މަރުވި 86 މީހުންގެ ތެރެއިން 81 މީހުން މަރުވެފައިވަނީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ހުބެއި ޕްރޮވިންސުންނެވެ. އަނެއް ފަސް މީހުން މަރުވެފައިވަނީ ޗައިނާގެ އެހެން ޕްރޮވިންސްތަކުންނެވެ.

އަދި އިއްޔެ އެކަނި މި ބަލި ޖެހިފައިވާ އިތުރު 2،841 މީހަކު ހުބެއި ޕްރޮވިންސުން ފެނިފައިވާއިރު، މިހާތަނަށް ހުބެއި ޕްރޮވިންސުން މި ބައްޔަށް 24،953 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

މި އަދަދުތަކާއެކު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 724 އަށް އަރާފައެވެ. މި ބަލީގައި ދެ މީހުން ފިޔަވައި ދެން އެންމެން ވެސް މަރުވެފައިވަނީ ޗައިނާ އިންނެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 35،000 އަށް ވުރެ މައްޗަށް އަރާފައެވެ.

ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިހާރު ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީން ކަމަށްވީ ނަމަވެސް މި ބަލި ޖެހިފައިވާ މީހުންތައް ޗައިނާގެ އެހެން ސިޓީތަކުންނާއި އަދި ބައެއް އެހެން ގައުމުތަކުން ވެސް މިހާރު އަންނަނީ ފެންނަމުންނެވެ. އަދި ޗައިނާ އަށް ދަތުރުކޮށްފައިނުވާ މީހުންނަށް ވެސް މި ބަލި ޖެހެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.