Last Updated: February 24, 21:50
Wednesday, February 24, 2021
ޚަބަރު ޕީޕީއެމް

ޕީޕީއެމް ޕްރައިމަރީ އަކީ ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ސިޔާސީ ހަރަކާތް: އަދުރޭ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި އެ ޕާޓީން އިއްޔެ ބޭއްވި ޕްރައިމަރީ އަކީ ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު ސިޔާސީ ހަރަކާތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ޕްރައިމަރީއަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޑިމޮކްރެޓިކް ޕާޓީއަކީ އިދިކޮޅު ޕީޕީއެމްކަން އެ ޕާޓީގެ މެމްބަރުން އިއްޔެ ދައްކުވާދީފައިވާ ކަމަށެވެ. އަދި ޕްރައިމަރީގެ ތެރެއިން ހަމަނުޖެހުމެއް ނުފެނުމަކީ ޕީޕީއެމްގެ މެމްބަރުން ޑިމޮކްރެސީ އަށް ފައްކާވެފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ ސިޔާސީ ޕާޓީއަކުން އިންތިޒާމުކޮށްގެން ބޭއްވި އެންމެ ކާމިޔާބު ޕްރައިމަރީއޭ އިއްޔެ ނިމިގެން މިދިޔައީ. އެއާއެކު މި ބޭއްވުނީ އެންމެ ބޮޑު ހަރަކާތޭ. ސިޔާސީ އެންމެ ބޮޑު ހަރަކާތް ވާދަވެރި ފަރާތްތަކަށް ފެނިގެންދާނެ" އަދުރޭ ވިދާޅުވިއެވެ.

ސިޔާސީ ބޮޑެތި ހަރަކާތްތައް ހިނގަމުންދާއިރު ދާނީ ސުލްހަވެރިކަމާއެކު ކަމަށާއި އެގޮތުން ނަތީޖާއާއެކީގައި އެންމެ އެއް ޓީމަކަށް އަރާ އެއްގޮތަކަށް މަސައްކަތް ފައްޓާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕްރައިމަރީ އިއްޔެ ބާއްވާފައިވާއިރު ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީން ވަނީ މިދިޔަ ހުކުރު ދުވަހު އެ ޕާޓީގެ ޕްރައިމަރީ ބާއްވާފައެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީންވެސް ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވާއިރު، އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 12 ގައެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.