Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

އިންޑިޔާ އިން އިތުރު އުޅަނދެއް ހޯދުމަށް ރާއްޖެއިން މަސައްކަތްކުރަނީ

މިސަރުކާރު އައުމަށް ފަހު ދިވެހި ރާއްޖެއާ އިންޑިޔާއާ ދެމެދު ހީނަރުވެފައިވާ ގުޅުން ވަރުގަދަވެ، އަނެއްކާވެސް ރާއްޖޭގެ ސަލާމަތަށް އިންޑިޔާ އަސްކަރިއްޔާގެ އުޅަނދެއް ހޯދުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

ދާދި ފަހުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިނިސްޓަރ އިންޑިޔާގެ ނޫހަކަށް އިންޓަވިއު ދެއްވަމުން ވިދާޅުވީ، އިތުރު އުޅަނދެއް އަސްކަރިއްޔާއަށް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިންޑިޔާ އަސްކަރިއްޔާ އިން ވެސް ލިިބުނީ ރަނގަޅު ޖަވާބެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިދިޔަ ޑިސެމްބަރު މަހު ވެސް އިންޑިޔާ އިން ވަނީ ރާއްޖެއަށް ޕެޓްރޯލް އުޅަނދެއް ހަދިޔާ ކޮށްފައެވެ.

މިސަރަހައްދުގައި ޗައިނާގެ ރޯލާ މެދު ދެކެނީ ކޮން ގޮތަކަށްތޯ ނޫސްވެރިޔާ ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ، އިންޑިޔާ އިން ޗައިނާގެ ހަރަކާތްތަކާ ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އިންޑިޔާ އަސްކަރިއްޔާ އިން ވަނީ ރާއްޖެއަށް ދެ ހެލިކޮޕްޓަރާއި ކަނޑު އުޅަނދުތައް ވެސް މީގެ ކުރިން ހަދިޔާ ކޮށްފައެވެ.