Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޔާމީނަށް ވުރެ ގިނަ ގޮންޖެހުންތައް ކުރިމަތިލާން ޖެހުނު ވެރިޔެއް ނެތް: ޖަމީލު

ވެރިކަމުގެ ފަސް އަހަރު ދުވަސް ތެރޭ އެންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ހަމައެކަނި ރައީސަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީނަށް އެތެރޭންނާ ބޭރުން ކުރިމަތިވި އެތައް ގޮންޖެހުންތަކާ އެކުވެސް ދެއްކެވި ސާބިތުކަމަކީ އެކަމަށް ތައުރީފު ހައްގު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގެ މެދު ތެރެއިން އެއްލާލި ގިނަ ސިޔާސީ ބޭފުޅުންގެ ތެރޭގައި ހިމެނޭ ޑރ. ޖަމީލަކީ ފަހުން އައިސް އެމަނިކުފާނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅާއެވެ. އިދިކޮޅު ލީޑަރުން އެކީ އެކަށް ޖަލަށް ލައްވާން ފެއްޓެވުމުން ޖަމީލް ވަނީ އަމިއްލައަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ.

އޭރު ދެއްކެވި ވާހަކަތަކާއި ވިދާޅުވި ފާޑުކިޔުންތައް އެއްކާރިކޮށްލުމަށް ފަހު ޑރ. ޖަމީލް މިއަދު އަނެއްކާވެސް ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރާވަޑައިގެން ހުންނެވީ، އެމްޑީޕީގެ ސިޔާސަތަށް ވުރެ އަބަދުވެސް އޭނާއަށް ކައިރީ ޕީޕީއެމްގެ ސިޔާސަތު ކަމަށް ވިދާޅުވުމަށް ފަހުގައެވެ.

މަނީ ލޯންޑަރިންގެ ކުށުގެ މައްސަލާގައި ދައުލަތުން އުފުލި ދައުވާގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް މަސައްކަތް ކުރެއްވި ޖަމީލް ވަނީ އެމަނިކުފާނު ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށް ބުނެފައެވެ.