Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ޝާތިރު އެންއައިއީ އަށް ބަދަލުކޮށްފި

އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް ހުންނެވި އިބްރާހިމް ޝާތިރު، އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޕްރިންސިޕަލަކަށް ބަދަލުކޮށްފިއެވެ.

ކުއްލި ގޮތަކަށް އިމާދުއްދީން ސްކޫލްގެ އެންމެ އިސް ތިން ބޭފުޅުންގެ މަގާމު ބަދަލުކޮށްފައިވާއިރު، ޝާތިރުގެ ދަށުން މަސައްކަތް ކުރެއްވި ދެ ޑެޕިއުޓީ ޕްރިންސިޕަލުން ވަނީ އެހެން ދެ ސްކޫލަކަށް ބަދަލުކޮށްފައެވެ.

އެގޮތުން ޝަކީބާ އަލީ އަދި ލަތީފާ ހަސަން ވަނީ ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލަށް ބަދަލުކޮށް، އެ ދެސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލުން އިމާދުއްދީނަށް ވަނީ ބަދަލުކޮށްފައެވެ.

ޝާތިރާއި ޑެޕިއުޓީން ސްކޫލުން ބަދަލުކޮށްފައިވަނީ، މީގެ ދުވަސްކޮޅެއް ކުރީން ސްކޫލުގެ ގިނަ އަދަދެއްގެ ބެލެނިވެރީން، ޝާތިރާ މެދު ހިތްހަމަ ނުޖެހި މައްސަލަ ޖެއްސުމަށް ފަހު ޕެޓިޝަނެއް ވެސް މިނިސްޓްރީއަށް ހުށައަޅާފައިވަނިކޮށެވެ. އެއީ މިދިޔަ އަހަރުގެ ފަހު ޓާމު ނިމެން ކައިރިވެފައިވަނިކޮށް، އޮކްޓޯބަރު މަހުގައެވެ.

މިކަމާ ގުޅިގެން މިނިސްޓްރީގެ ޓީމެއް ވެސް ވަނީ ސްކޫލަށް ގޮސް ވެރިންނާއި ޓީޗަރުންނާ ބައްދަލުކޮށް މައުލޫމާތު އޮޅުން ފިލުވާފައެވެ.

ޝާތިރު ވަނީ ސ. ހިތަދޫ މުހިއްބުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުވެސް އަދާ ކުރައްވާފައެވެ. އޭނާ މާލެއަށް ބަދަލުކުރީ 2011 ވަނަ އަހަރުގައެވެ. އެއަށް ފަހު އޭނާ ވަނީ މާލޭގެ އެކި ސްކޫލްތަކުގެ ޕްރިންސިޕަލްކަން ކޮށްފައެވެ.