Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

އަނބިމީހާ ގައިގާ ތަޅައިގަނެ މާރާމާރީ ހިންގި ފިރިޔަކު ފުލުހުން ހައްޔަރުކޮށްފި

ރާއްޖޭގެ ރަށެއް -

އުތުރުގެ ރަށެއްގައި ފިރިމީހާ އޭނާގެ އަނބިމީހާގައިގަ ތަޅައިގަނެގެން މާރާމާރީ ހިންގުމުން ފިރިމީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، މިމަހުގެ 7 ވަނަ ދުވަހުގެ 23:34 ހާއިރު ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި، އަންހެނަކާއި މެދު އޭނާގެ ފިރިމީހާ މަރާމާރީ ހިންގުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންދިޔަ ކަމުގެ މައުލޫމަތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އެ ރަށުގެ ބައެއް ރައްޔިތުންވަނީ ސިއްހީ މަރުކަޒު ދޮށަށް އެއްވެފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އަންހެން މީހާގެ ހާލު ސީރިއަށް ނޫންކަމަށާއި، ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި ފިރިހެން މީހާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ރޭގެ ވަގުތެއްގައި ގެނެސްފައިކަމަށް ފުލުހުން ބުނެއެވެ. އޭނާއަކީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ހޮސްޕިޓަލް ދަށަށް އެއްވި މީހުން ފުލުހުން ވާހަކަ ދެއްކުމަށްފަހުވަނީ ރޭ ފޮނުވާލާފައި ކަމަށެވެ.