ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެމްޑީޕީން އެއްވެ މަގުތައް ފުރާލީ އަލުން އަނބުރާ ރާއްޖޭގެ ވެރިކަން އެމްޑީޕީން ހޯދުމަށް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 8 ފެބްރުއަރީގައި އެމްޑީޕީގެ ގައުމީ މަޖިލިސް އެއްވެ އޭރު އޮތް އެމްޑީޕީގެ ވެރިކަން ވައްޓާލީ ބަގާވާތަކުންކަން ނިންމި ކަމަށެވެ. އަދި އަލުން އަނބުރާ ވެރިކަން ހޯދުމަށް މަގުމައްޗަށް ނިކުތުމަށް އެމްޑީޕީން ނިންމި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަތެއް ފެބްރުއަރީ އަކީ 2008ވަނަ އަހަރު އެމްޑީޕީއަށް ލިބިގެންދިޔަ ވެރިކަން ވެރިކަމުގެ ދައުރު ހަމަނުވަނީސް ވެއްޓުނު ދުވަހެވެ. އެ ދުވަހު ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއެވެ. އަދި ވިދާޅުވީ އެކަން އެގޮތަށް ކުރެއްވީ އެއީ ދިވެހި ގައުމާއި ރައްޔިތުންނަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ވާނެތީ ކަމަށެވެ.
ނަމަވެސް ޖެހިގެން އައި ފެބްރުއަރީ މަހުގެ 8ގައި އެމްޑީޕީން މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތައް ބޭއްވިއެވެ. އަދި ބައެއް ސަރަހައްދުތަކުގައި ހުރި ދައުލަތުގެ މުއައްސަސާތަކަށް ގެއްލުންދީ ހުޅުވެސް ޖެހިއެވެ. އެ އެއްވުމުގައި ބައިވެރިވި ވަރަށް ގިނަ ފަރާތްތަކަށް އަނިޔާވެސްވިއެވެ.