Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ޑައިވިނަށް ދިޔަ ފަތުރުވެރިއަކު މަރުވެއްޖެ

ޑައިވިނަށް ދިޔަ ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 9:30 އެހާކަންހާއިރު ޅ. ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަތުރުވެރިއަކު މަރުވެފައިވާ ކަމުގެ ރިޕޯޓެއް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ މަރުވެފައިވަނީ 69 އަހަރުގެ އޮސްޓްރިއާ ފިރިހެނެއް ކަމަށެވެ.

އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައީ ގިނައިރުތަކެއް ވަންދެން ޑައިވް ކުރުމަށްފަހު އެއްވެސް ހަރަކާތެއް ނެތި ފެންމަތީގައި އޮތްތަން ފެނުމުން ޑައިވިން އިންސްޓުރަކްޓަރު އެމީހާ ޑައިވިން ބޯޓަށް ނެގުމަށްފަހު ސީޕީއާރު އަދި އޮކްސިޖަން ދިނުމަށްފަހު ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ޅ. އަތޮޅު ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ. މިދިޔަ ހަފްތާގެ ތެރޭގައިވެސް މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ވަނީ މަރުވެފައެވެ.