Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ޓޫރިޒަމް މިނިސްޓްރީގެ ހަފްލާއެއް ހުށަހަޅައިދިން މައްސަލާގައި މަރީ ކޮމެޓީއަށް ހާޒިރުކުރަނީ

މަރިޔަމް ވަހީދާ އިވެންޓު ހުށަހަޅައިދެއްވަނީ - ފޮޓޯ: ރާއްޖެ އެމްވީ

ޓޫރިޒަމް މިނިސްޓްރީގެ ހަފްލާއެއް ހުށަހެޅި މައްސަލައަކާއި ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

އެ ޖަލްސާ މަރީ ހުށަހަޅައިދިން އިރު މަޖިލިސް އޮތީ ޗުއްޓީގައެވެ. އެހެންނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިހާރު ނިންމާފައި ވަނީ އަންނަ ބުދަ ދުވަހު މަރީ އެ ކޮމެޓީއަށް ހާޒިރުކުރާށެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ހަފްލާއެއް ހުށައަޅައި ދެއްވާ، ސަރުކާރަށާއި ވަޒީރުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވި މައްސަލާގައި މަރީއަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. ކުރީ ސަރުކާރުގައި ވެސް މިފަދަ އަމަލުތަކެއް ފެނި އޭރުގެ ބްރޯޑްކޮމްގެ އިތުބާރު ގެއްލިފައިވާ ކަމަށް މިސަރުކާރުގެ އިސް ބޭފުޅުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަރީ ދިފާއުކުރައްވައި ވާހަކަ ދައްކަވައިފައެވެ. މިނިސްޓަރު ވިދާޅުވީ މަރީ އެ ހަފްލާ ހުށަހަޅައިދިނުމަކީ މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުކަމެއް ނޫންކަމަށެވެ.